ނަމާދުގެ އަޅުކަން އަދާކުރަނީ.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާބޮޑު - ޚުތުބާ
ހަސަން އިބްރާހީމް 26 ޖޫން 2026 (ހުކުރު)   15:12
މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަކަށް ޚިނާޔާތްތެރިވުމުގެ ފާފަ މާބޮޑު ކަމަށާއި އެއީ މުޅި މުޖުތަމައުގެ ހައްގަކަށް ވާތީ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫ އަކީ އަމާނާތްތަކަށް ރައްކާތެރިވުމެވެ. އަހަރެމެންނަށް މާތް ﷲ ދެއްވާފައިވާ އެކި އަމާނާތްތަކުގެ ވާހަކަތައް ބަޔާންކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެ، ވަސިއްޔަތްކޮށްފައެވެ.

އެގޮތުން، މާތް ﷲ ދެއްވާފައިވާ ގުނަވަންތަކަކީ އަހަރެމެންނާ ހަވާލުކޮށްފައިވާ އަމާނާތްތަކެއް ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.

"ލޮލަކީ އަމާނާތެކެވެ، އެއިން ހަރާމް ތަންތަނަށް ނުބަލާށެވެ. ކަންފަތަކީ އަމާނާތެކެވެ. އެއިން ހަރާމް އަޑުތައް ނާހާށެވެ. ދުލަކީ އަމާނާތެކެވެ. އެއިން މީހުންގެ އަބުރު ކަތިލައި، ޣީބަބުނެ، ނެތިމޮށި ނޫޅޭށެވެ. އަދި ދޮގު ހެދުމުން އެ ދޫ ރައްކާތެރިކުރާށެވެ."

ހަމަ އެފަދައިން، ދަރީންނަކީ ވެސް އަމާނާތެއް ކަން ޚުތުބާގައި ފާހަގަކުރިއެވެ. އެ ކުދިންނަށް ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުދީ، ހައްގުތައް އަދާކުރުމުގައި އިހުމާލުވެއްޖެނަމަ، މާތްﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށް ޚިޔާނާތެއް ވެވުނީ ކަމަށް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން، އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި ބުރަދަންހުރި އެއްޗެއް ކަމަށާއި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އަމާނާތްތެރިއަކަށް ވެގެން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނި ގޮތުގައި، އަހަރެމެން އެންމެ ބޮޑަށް ރައްކާތެރިވާން ޖެހޭ އެއް އަމާނާތަކީ ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއެވެ. އެއީ، ބޮޑުވެގެންވާ އަމާނާތެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

"މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީއެވެ." 

ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ވަނީ، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއްކަން ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ބުނީ، އަމާނާތްތެރިކަން ނެތި ގޮސް ޚިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި، ޙައްޤުތައް ގެއްލޭނޭ ކަމެއް ކަމަށެވެ. އެ ކަމުގެ ނަތީޖާއަކަށް ވާނީ، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރަށް، އާޚިރަތުގައި ގަދަފަދަވެގެންވާ ކޯފާއާއި ޢަޒާބާ ކުރިމަތިލާން ޖެހުން ކަންވެސް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ.

ޚުތުބާ އެއްކޮށް ވިދާޅުވުމަށް

ކޮމެންޓް