އުރުގުއޭގެ ކުރީގެ ރައީސް ޖޯސް މުހީކާ، އޭނާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ ފަގީރު ރައީސްގެ ގޮތުގައި
'ދުނިޔޭގެ އެންމެ ފަގީރު ރައީސް' އަވަހާރަވެއްޖެ
ފިޔެސް 16 މޭ 2025 (ހުކުރު)   20:29
އުރުގުއޭގެ ކުރީގެ ރައީސް ޖޯސް މުހީކާ، އުމުރުފުޅުން 89 އަހަރުގައި އަވަހާރަ ވެއްޖެއެވެ. އޭނާގެ ސާދާ ދިރިއުޅުއްވުމުގެ ސަބަބުން 'ދުނިޔޭގެ އެންމެ ފަގީރު ރައީސް'ގެ ގޮތުގައި މަޝްހޫރުވެފައިވާ މުހީކާ އަވަހާރަވީ މިމަހުގެ 13 ވަނަ ދުވަހު ކެންސަރުގެ އާލާސްކަންފުޅުގައެވެ.

އާންމު ނަމެއްގެ ގޮތުގައި 'ޕެޕޭ' ގެ ނަމުން މުހާތަބުކުރާ މުހީކާ، އުރުގުއޭގެ 40 ވަނަ ރައީސްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެއްވީ އުމުރުފުޅުން 74 އަހަރުގައެވެ. އޭނާ އުރުގުއޭގައި ވެރިކަން ކުރެއްވީ 2010 އިން 2015 އަށެވެ. ވެރިކަމުގެ ދުވަސްވަރު އޭނާގެ ސާދާ ދިރިއުޅުއްވުމާއެކު ގެންނެވި އިގްތިސޯދީ، އިޖްތިމާއީ އިސްލާހުތަކުގެ ސަބަބުން އޭނާ ވެފައިވަނީ އުރުގުއޭގެ އިތުރުން ލެޓިން އެމެރިކާގައި ވެސް މަގުބޫލު ސިޔާސީ ލީޑަރަކަށެވެ.

މުހީކާ އަވާހާރަ ވުމާ ގުޅިގެން ވަރަށް ގިނަ ސިޔާސީ ލީޑަރުންނާއި ގައުމުތަކުގެ ރައީސުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި އޭނާގެ ހިދުމަތްތަކާއި އޭނާގެ ސާދާ ދިރިއުޅުއްވުމުގެ ވާހަކައިގެ ހަނދާން ގިނަބަޔަކު ދަނީ އާކުރަމުންނެވެ. އުރުގުއޭގެ ރައީސް ޔަމަންދޫ އޯސީ އެކްސްގައި ލިޔުއްވާފައިވަނީ، މުހީކާ ކޮށްދެއްވި ހިދުމަތަށާއި ރައްޔިތުންނަށް ދެއްވި ފުން ލޯތްބަށްޓަކާ ޝުކުރުކުވެރިވާ ކަމަށެވެ.

ސިޔާސީ އެކްޓިވިސްޓެއް

1960 އިން 1970 އާއި ދެމެދު އުރުގުއޭގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި މުހީކާ އިސްކޮށް އުޅުނެވެ. އެދުވަސްވަރު 4 ފަހަރެއްގެ މަތިން އޭނާ ހައްޔަރު ކުރިއެވެ. އަދި އެއްފަހަރަކު އޭނާ ގަޔަށް 6 ވަޒަން އަރައި ވަރަށް ބޮޑަށް ޒަހަމްވިއެވެ.

ޖަލުގައި އޭނާ ވަރަށް ތަފާތު ތަޖުރިބާތައް ކުރިއެވެ. ދެފަހަރު ޖަލުން ފިލިއެވެ. އޭގެ ތެރެއިން އެއް ފަހަރަކީ އުރުގުއޭ ތާރީހުގައިވެސް ޖަލުން އެންމެ ގިނަބަޔަކު އެއްފަހަރާ ފިލި ހާދިސާއެވެ. ބިމު އަޑިން ކޮނުނު މަގަކުން 105 މީހުން ޖަލުން ފިލިއިރު އޭގެތެރޭގައި އޭނާ ހިމެނުނެވެ.  

1973 ގައި އުރުގުއޭ މިލިޓަރީން ބަގާވާތް ކުރި އިރު، ރަހީނު ކުރި ނުވަ މީހެއްގެ ތެރޭގައިވެސް މުހީކާ ހިމެނުނެވެ.

މުހީކާ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައިވެސް ބެހެއްޓިއެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓި މުއްދަތު 14 އަހަރަށްވުރެ ގިނަ އެވެ. އޭގެ ތެރެއިން ގިނަ ދުވަސްތަކުގައި އޭނާ ބަހައްޓާފައިހުރީ ކުޑަގޮޅީގައެވެ. ކުޑަގޮޅީގައި ބަހައްޓާފައި ހުރި އިރު އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރިއެވެ. ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ހުރީ ފާޑަކަށް މޮޔަވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

1985 ގައި އުރުގުއޭ ވެރިކަން ޑިމޮކްރަސީއަށް ފުރޮޅިގެން ދިއުމާއެކު މުހީކާ ޖަލުން މިނިވަން ވިއެވެ. އޭގެ އަހަރުތަކެއް ފަހުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންތިޚާބު ވިއެވެ. އަދި އޭނާ ނިސްބަތްވި ޕާޓީ ފްރެންޓެ އެމްޕްލިއޯގެ ފުރަތަމަ ސަރުކާރު 2005 ވަނަ އަހަރު ގާއިމުވުމާއެކު މިނިސްޓަރަކަށް ވިއެވެ. ރައީސް ކަމަށް އިންތިހާބްވީ 2010 ވަނަ އަހަރުއެވެ.

ހިތްތިރި ރައީސެއް

މުހީކާ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރިޔާސީ ގަނޑުވަރުގައި އުޅުއްވަން ދެކޮޅު ހެއްދެވިއެވެ. އޭގެ ބަދަލުގައި އޭނާ ދިރިއުޅުއްވީ އޭނާގެ އަނބިކަނބަލުންނާއެކު މޮންޓެވީޑިއޯގެ ބޭރު ސަރަހައްދުގައި ހުރި އެމީހުންގެ އަމިއްލަ އާދައިގެ ގެއެއްގައެވެ. ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި އޮތް 12،500 ޔޫއެސް ޑޮލަރު (ދެ ލައްކައެއްހާ ދިވެހި ރުފިޔާ) ގެ ތެރެއިން މުހީކާ ބޭނުންކުރެއްވީ އެންމެ 10 ޕަސެންޓެވެ. މުސާރައިގެ 90 ޕަސެންޓް ޚައިރާތުގެ ގޮތުގައި ދޫކޮށްލެއްވީ އެވެ. އޭނާ އަބަދުވެސް އެޅުއްވީ އާދައިގެ ހެދުމެވެ. ދުއްވެވީ 1987 ވަނަ އަހަރުގެ މަޑު ނޫކުލައިގެ ވޯކްސްވެގަން ބީޓްލް ކާރެކެވެ. ޑްރައިވަރަކީވެސް އޭނާ އެވެ. މިކަންކަމުގެ ސަބަބުން މީޑިއާތަކުން މުހީކާ އަކީ 'ދުނިޔޭގެ އެންމެ ފަގީރު ރައީސް' ގެ ގޮތުގައި ސިފަކުރިއެވެ.

2012 ވަނަ އަހަރު ބީބީސީގެ ފަރާތުން ރައީސް މުހީކާ އާ ބައްދަލުކުރުމަށް އޭނާ ދިރިއުޅުއްވާ ގެއަށް ޒިޔާރަތްކުރިއެވެ. އެމީހުނަށް ފެނުނީ ގޭގެ އެއްފަރާތެއްގައި ރޯނެއް ދަމާ އަންނައުނު ހިއްކަން އަޅާފައިވާ ތަނެވެ. ފެން ނަގަން ހުރީ ގޯތި ތެރޭގައި ހުރި ވަޅެކެވެ. ވަޅުގެ ވަށައިގެން ވިނަ ހެދިފައިވެއެވެ. ރައީސް ގެ ސެކިއުރިޓީ ބެލެހެއްޓުމަށް ތިބީ ސިފައިންގެ ދެ އޮފިސަރުންނާއި މުހީކާ އޮޅުކޮށްގެން ގެންގުޅޭ 3 ފައިލީ ކުއްތާއެކެވެ. ވެރިރަށުގެ ތަރައްގީ ނުކޮށް އޮތް މަގެއްގެ އެއްފަޅީގައިވާ މިގޭގައި މުހީކާގެ އަންހެނުން ކުރާ މަސައްކަތަކީ މާމެލާމެލި ހައްދައިގެން ވިއްކުމެވެ. މި މަސައްކަތުގައި އެހީތެރިވާނެ އިތުރު މީހަކު ނުގެންގުޅެއެވެ.

ބީބީސީއަށް ދެއްވި އިންޓަވިޔުގައި މުހީކާ ވިދާޅުވީ ފެންނަ ފެނުމަށް ވަރަށް އާދައިގެ މުސްކުޅިއެއް ގޮތަށް އޭނާ ފެނުނަސް އެއީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. މުހީކާ ހާމަ ކުރެއްވި ގޮތުގައި އޭނާގެ މުޅި ދިރިއުޅުން ހޭދަވެގެން ދިޔައީ އެފަދަ ހާލެއްގައި ކަމަށާ އެކަމާ އޭނާ ދެރަ ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ފަގީރު ރައީސްގެ ލަގަބު ބަލައިގަތުމަށް އޭނާ ދެކޮޅު ހެއްދެވިއެވެ.

"އަހަންނަކީ އެންމެ ފަގީރު ރައީސް ކަމަށް އެމީހުން ބުނޭ. ނޫން، އަހަންނަކީ ފަގީރެއް ނޫން. ފަގީރުންނަކީ އިތުރަށް ބޭނުންވާ މީހުން. އަހަރެން ބޭނުންވާ މިންވަރަށް އަހަންނަށް ލިބޭ. އަހަރެން މި ދިރިއުޅެނީ ކުރިންވެސް އުޅުނު ގޮތަށް." ގޯތި ތެރޭގައި ހުރި ބާ ގޮނޑިއެއް ގައި އިންނަވައި އިންޓަވިއު ދެއްވިއިރު ގޮނޑީގައި އަޅާފައި އޮތް ކުޝަން އަކީ އޭނާގެ ކުއްތާ ވެސް ބޭނުން ކުރާ ކުޝަން ގަނޑެވެ.

އިންޓަވިއުގައި އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުދި ވިޔަފާރިތަކާއި ފަގީރުންނަށް މުސާރައިން ބޮޑުބައި ދެއްވާފައި އޭނާ ބޭނުންކުރައްވަނީ އުރުގުއޭގައި އެންމެ އާދައިގެ މީހަކަށް ލިބޭ މުސާރައާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް އެވަރުން އޭނާއަށް ފުދޭ ކަމަށާ އޭނާ އުޅެނީ ވަރަށް އުފަލުގައި ކަމަށް މުހީކާ ހާމަ ކުރެއްވިއެވެ.  

އިންޓަވިޔުގައި މުހީކާގެ އެންމެ އުފާވެރި ހަނދާނުގެ ގޮތުގައި ފާހަގަ ކުރެއްވީ ގިނަ ދުވަސްތަކަކަށްފަހު ޖަލުން މިނިވަންވި ދުވަހެވެ. ރައީސްކަމަށް ވުރެ އެއީ މާ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.  

ވެރިކަމަށް ފަހު

މުހީކާގެ ވެރިކަމުގެ ދައުރު ނިމުނު އިރުވެސް އޭނާއަށް ގިނަބައެއްގެ ތާއީދު އޮތެވެ. ހަމަ އެޔާއެކު އޭނާގެ ވެރިކަމުގެ ދުވަސްވަރު ހިނގާދިޔަ ބައެއް ކަންކަމަށް ގިނަބަޔަކު ފާޑުވެސް ކިޔަމުންދިޔައެވެ. ޚާއްސަ ގޮތެއްގައި އެ ދުވަސްވަރު ފާސްކުރި ބައެއް ގާނޫނުތަކަށް ވަރަށްގިނަބަޔަކު ފާޑުކިއެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ އެހެން ވެރިންނާ ޚިލާފަށް، އޭނާއަށް ކޮރަޕްޝަންގެ ނުވަތަ ގައުމުގެ ޑިމޮކްރަސީ ނަގާލުމުގެ ތުހުމަތެއް ނުކުރެވުނެވެ.

ވެރިކަން ނިމުމުން ދައުލަތުގެ ފަރާތުން ލިބޭ ޕެންޝަންވެސް މުހީކާ ބޭނުމެއް ނުކުރައްވައެވެ.

ރައީސް ކަމަށް ކުރިމަތި ނުލައްވައި ދެން މުހީކާ ވާދަކުރެއްވީ ސެނެޓަށެވެ. %70 އާ ކައިރި ކުރާ މިންވަރުގެ އަގުލަބިއްޔަތުން އިންތިހާބު ކާމިޔާބު ކުރައްވައި ސެނެޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ސިއްހީ ސަބަބުތަކާހުރެ 2020 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވިއެވެ.

"ސިޔާސީ ދާއިރާއަށް އަހަރެން ލޯބިކުރަން. އެކަމަކު އެއަށްވުރެ ބޮޑަށް ދިރިއުޅުމަށް ލޯބިކުރަން." އިސްތިއުފާ ދެއްވުމަށްފަހު މުހީކާ ވިދާޅުވެފައި ވެއެވެ.

ރައީސްކަމުންނާއި ވަކިވުމަށްފަހު އޭނާގެ ވަގުތުގެ ބައެއް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައި ހޭދަކުރެއްވިއެވެ. އެކި ކޮންފަރެންސްތަކުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވި އިރުވެސް ޕްރައިވެޓް ޖެޓްގައި ދަތުރު ކުރެއްވުމުގެ ބަދަލުގައި ދަތުރު ކުރެއްވީ އާންމުންނާއެކު އެވެ. އޭނާ ތަގުރީރުތައް ދެއްވީ ޑިމޮކްރަސީ އާއި ހަމަހަމަކަމާއި ތިމާވެއްޓާ ގުޅޭގޮތުންނެވެ. އެފަދަ މަސައްކަތްތަކުން ލިބިވަޑައިގަތް އާމްދަނީގެ ބޮޑުބައިވެސް ޚައިރާތުގެ ގޮތުގައި ހޭދަކުރެއްވިއެވެ.

ވެރިކަމަށްފަހު އޭނާ ދިރިއުޅުއްވި ގެ ސަރަހައްދުގައި ދަނޑުވެރިކަންވެސް ކުރެއްވިއެވެ. ދަނޑުވެރިކަމަކީ އޭނާ ފުރަތަމަ ކުރެއްވި މަސައްކަތެވެ.

މުހީކާ ވިދާޅުވެފައިވަނީ ސިޔާސަތާއި، ފޮތްތަކާއި، ދަނޑުވެރިކަމަށް އޮންނަ ލޯބި އޭނާއަށް ލިބިވަޑައިގަތީ އޭނާ ވެރިރަށް މޮންޓެވީޑިއޯގެ މެދު ފަންތީގެ ގެއެއްގައި އޭނާ ބަލައި ބޮޑުކުރެއްވި މަންމާފުޅުގެ ކިބައިން ކަމަށެވެ.

2024 ވަނަ އަހަރު، މުހީކާ އަށް ކެންސަރު ޖެހިފައިވާ ޚަބަރު އާންމުވިއެވެ. އެ އަހރުގެ ނޮވެމްބަރު މަހު އޭނާ ބީބީސީއަށް ދެއްވި އިންޓަވިޔުގައި އަންނަނިވި އިބާރާތް ވިދާޅުވިއެވެ.

"އެންމެނަށްވެސް އެނގޭނެ މަރަކީ ނުވެ ނުދާނެ އެއްޗެއްކަން. އަދި ފަހަރުގައި ދިރިއުޅުމުގެ ލޮނުހެޔޮވަރު ވުމަކީ އެއީކަމަށްވެސް ވެދާނެ."

ކޮމެންޓް