ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ނަން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގައި ކަމަށެވެ.
މާފަންނު މައިޒާން ސަރަހައްދަކީ 36،153 އަކަފޫޓުގެ ސަރަހައްދެކެވެ. އެ ސަރަހައްދު ތަރައްގީ ވެގެންދާއިރު ޕާކިން ޖާގައިގެ އިތުރުން، އެތަނުގެ ހުޅަނގު ދެކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯނުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ގާއިމް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބަސް ސްޓޮޕަކާއި 295 ސައިކަލު ޕާކްކުރެވޭނެ ޖާގަވެސް މި ސަރަހައްދުގައި އޮންނާނެއެވެ. އަދި ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމަށް ޚާއްޞަކުރެވޭ ގްރީން އޭރިއާއެއްގެ އިތުރުން ކަސްރަތުކުރުމަށް 496 އަކަފޫޓުގެ ސަރަހައްދެއްވެސް ތަރައްގީ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، އެ މައިޒާނުގައި ގަސް އިންދައި ފެހިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެއެވެ. އެ މައިޒާނުގައި އިންދާނީ ބޮޑަށް ހިޔާދޭ ގަސްތަކާއި، ބަގީޗާ ގަސްތަކާއި، މާ ގަސްތަކާއި، މޭވާއާއި ތަރުކާރީ ގަސްތައް ކަމަށް ކައުންސިލުން ބުނެއެވެ.
މާފަންނު ސަހަރާ، މާފަންނު މައިޒާނަށް ބަދަލު މި ކުރެވޭ މަޝްރޫއުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށްވެސް ފަސޭހަތަކެއް ލިބިގެން ދާނެކަމަށް، މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވެއެވެ. އަދި މައިޒާން ތަރައްގީކުރާ ސަރަހައްދުގައި، ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ، މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މާފަންނު މައިޒާން 24 ގަޑިއިރު ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވޭނެ ކަމަށާއި އެ ސަރަހައްދުގައި ފެން ހިންދުމުގެ ރަނގަޅު ނިޒާމެއްވެސް ގާއިމްކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.