އެމްޓީސީސީން މިކަން އިއުލާން ކުރުމުގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އާންމުންގެ ޚިޔާލަކީ ވަރަށް މުހިންމު ކަމަށާއި އެ ސާވޭގައި ލިބޭ މައުލޫމާތުން ކުރިއަށް އޮތް ތާނގައި ރަނގަޅަށް ޕްލޭން ކުރުމުގައި ބޭނުންތެރި ޚިޔާލަކަށް ވާނެ ކަމަށެވެ.
އަދި ސާވޭގެ މައުލޫމާތަކީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާ އަށްވެސް ބޭނުންކުރާނެ މުހިންމު މައުލޫމާތު ތަކެއް ކަމަށް އެމްޓީސީސީން ފާހަގަ ކޮށްފައި ވެއެވެ.
މި ސާވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމު މެދުވެރިކޮށް ބައިވެރިވެވެއެވެ.
މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން ތަރައްގީކޮށް، މިއަހަރުގެ ފެބްރުއަރީ 27 ގައި އިފްތިތާހު ކުރެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކައިގާ، އެ ފާލަން ކުރިމަތީ އޮތް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބި މަގު. މި މަގު ތަރައްޤީކުރުމުގެ މަސައްކަތް، ރަމަޟާން މަސް ނިމޭތަނުން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި މަސައްކަތް ހަވާލުކުރަން މިހާރު ވާނީ ނިންމާފައި. އެމް.ޓީ.ސީ.ސީ. ފެރީ ޓާމިނަލުން ފެށިގެން އެމް.އެމް.އޭ.ގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓު ބިނާކުރާނެ، މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމަޔަށް، މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން." އިއްޒުއްދީން ފާލަން ކުރިމަތީ، ބޮޑުތަކުރުފަނު މަގުގައި ހުންނަވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުޅި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރުގައި ތަރައްގީ ކުރުމަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައި އޮތް އަދި ޗައިނާ ސަރުކާރުން ހަމަޖައްސައިދީފައި އޮތް މަޝްރޫއެއް ކަމަށެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު ވަކި މަސައްކަތެއްގެ ގޮތުގައި އެމްޓީސީސީއާ ހަވާލުކުރީ އެ މަޝްރޫއުގެ ތެރޭގައި އެ ސަރަހައްދު ނުހިމެނޭތީ ކަމަށެވެ.
"އެ މަޝްރޫޢުގައި މިބައި، މި މަގު ނުހިމެނޭ. މި މަސައްކަތް ވަކިން މިއޮތީ. އެހެންވީމާ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކުރަން ނިންމާފައި." ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދަކީ މާލެއާއި ރަށްރަށާ ދެމެދު، ޚާއްސަގޮތެއްގައި ރިސޯޓްތަކާ ދެމެދު ދަތުރުފަތުރުކުރާ ގިނަ އުޅަނދުތަކެއް ލަފާފުރަން ބޭނުންކުރާ ސަރަހައްދެކެވެ.
އެ ސަރަހައްދުން ލަފާފުރާ ފަރާތްތަކަށް އެއްވެސް ކަހަލަ ލުއިފަސޭހަ ގޮތެއް ހަމަޖެހިފައި ނޯންނަ ކަމުގެ ޝަކުވާ އާންމުންނާއި މާލެއަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ކުރެއެވެ. އެކަމާ ގުޅޭގޮތުން ސޯޝަލްމީޑިއާ އިން އާންމުކޮށް ފެނިފައިހުރި ޝަކުވާ ތަކުގެތެރޭގައި ގަދަ އަވިދޭ އިރުވެސް އަވީގައި ތިބެން ޖެހުމާއި ވާރޭ ވެހޭއިރު ހިޔާވެވޭނެ ގޮތެއް ނެތުމާއި ގިނަވަގުތު މަޑުކުރަން ޖެހޭފަހަރުތަކުގައި އިށީނދެލެވޭނެ ގޮތެއް ނެތުން ފަދަ ޝަކުވާތައް ހިމެނެއެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި ދަތުރުވެރިންނަށް ފާޚާނާ ކޮށްލެވޭނެ އިންތިޒާމެއް ނެތުމުގެ ޝަކުވާތައްވެސް ބައެއް ފަރާތްތަކުން ކޮށްފައިވެއެވެ.