ރައުދު އަހުމަދު ޒިލާލު 21، ގ.އެރިއަދޫ
ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕީޖީއަށް ފޮނުވައިފި
ޖުނާން އަޙުމަދު 26 މޭ 2025 (ހޯމަ)   14:46
މާލޭގެ އުސް އިމާރާތަކުން އެޕްރީލް 18 ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 21، ގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައުދުގެ މައްސަލަ މިމަހުގެ 24 ވަނަ ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ.ފެންޓެނޯއީގެއިން ހ.މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމާއި އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ.

ރައުދު ހައްޔަރުކޮށް އޭޕްރިލް 25 ވަނަ ދުވަހު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައިވަނީ 5 ދުވަހެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން 10 ދުވަސް ޖެހިއެވެ. 10 ދުވަހުގެ މުއްދަތު ހަމަވެގެން އިތުރު ފަސް ދުވަސް ޖެހިއެވެ. އަދި އޭގެ ފަހުން މެއި 15 ވަނަ ދުވަހު އޭނާގެ ބަންދަށް 20 ދުވަސް ޖެހިއެވެ.

ރައުދު، މި މަހުގެ 22 ވަނަ ދުވަހު ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަސް ހަމަނުވަނީހެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.

ރައުދު ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައެއްގެ އަޑުއެހުމެއް ވެސް އެދުވަހު މެންދުރު ފަހަށް ތާވަލުކޮށްފައި އޮއްވާ އޭނާ ދޫކޮށްލުމުން އެ މައްސަލަ ވެސް އަނބުރާ ގެންދިޔައެވެ.

ރައުދު ދޫކޮށްލުމަށްފަހު ހަމަ އެދުވަހު އެހެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ. އަދި ޖެހިގެން އައި ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖެހިއެވެ. އެހެންކަމުން މިހާރުވެސް ރައުދު ހުރީ ހައްޔަރުކޮށްފައެވެ.

ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ.ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ.މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ.މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ.މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ.ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ.ވެލިދޫ، އަލި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.

އެކަމަކު މިހާތަނަށް އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރައުދު އެކަންޏެވެ. ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދޭން ވެސް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅިގެން ފުލުހުން ކުރާ ތަހުގީގުގެ މާބޮޑު ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ. އެމީހުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެމީހަކު ވެސް ހިމެނެއެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުންނަށް ނުލިބުނެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.

ކޮމެންޓް