ފުލުހުން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި އެބަ ތިބި ކަމަށާ، ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރިނަމަވެސް އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.
އެ ބަޔާނާ ގުޅިގެން ޔުމްނުގެ އާއިލާއިން މިއަދު ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެ ހެދީ ދޮގެއް ކަމަށެވެ. އަދި އެ ހާދިސާގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެ އާއިލާއިން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.
"ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީ ގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގައިފައެއް ނުވެ އެވެ، ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީ ވާނެ ކަމުގައި ދަންނަވަމެވެ،" ޔުމްނުގެ އާއިލާގެ ސިޓީގައި ބުންޏެވެ.
އޭގެ އިތުރުން، ތަހުގީގަށް އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށާއި، ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާއިން ހުރަސް ނާޅާނެ ކަމަށް ސިޓީގައިވެ އެވެ.
ޔުމްނުގެ ދައްތަ، އާއިޝަތު ނާއިޝާ އަހުމަދު ރަޝީދު ސޮއިކޮށް ފޮނުވި އެ ސިޓީގައި ވަނީ ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް އެދިފައި ނުވާ ކަމަށާއި، ބަޔާނެއް ނަގަން ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ، އެކަމަށް އާއިލާއިން ޖަވާބުދާރީވާނެ ކަމަށެވެ.
"ހައްވާ ޔުމްނު ރަޝީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން ވެސް އެނގެން އޮތްކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.
ސިޓީގައި ބުނެފައި ވަނީ ޔުމްނުގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއިން ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުންގެ ފަރާތުން އެދިފައިވެސް ނުވާ ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނީ ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މެލޭޝިޔާއަށް ދިޔުމުން ވެސް އެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމެއިރުއާ އާއިލާއިން ދޮޅުގަޑިއިރުގެ ބައްދަލުވުމެއް ބޭއްވިފަހުން ކަމަށެވެ.
"އާއިލާގެ އެންމެ ބޮޑު މަސްލަހަތެއް މިވަގުތު އޮތީ އޭނާއަށް އެކަށީގެންވާ ފަރުވާ ލިބިދިނުމާއެކު، އޭނާއަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުމުގައެވެ. އެކަމުގައި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފުލުހުންނަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް އާއިލާގެ ފަރާތުން ދޭނެކަމުގައި ދަންނަވަމެވެ." އެ ސިޓީގައިވެ އެވެ.
އަދި މީގެ އިތުރުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ޔުމްނުގެ އާއިލާއިން ފުލުހުންނަށް ފޮނުވި ސިޓީގައި ވަނީ އިލްތިމާސްކޮށްފަ އެވެ.