ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ.ވަހީދު، ރައީސް ޔާމީން އާ ސަލާމް ކުރައްވާއިރު، އޭރު އެޕާޓީގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުން.--
ކަންތައް ވެދިޔައީ ޑޮކްޓަރު ވަހީދު ވިދާޅުވި ގޮތަށެވެ.
މުޙައްމަދު އަބްދުالله ޝަފީޤް 27 މޭ 2025 (އަންގާރަ)   11:52
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން އައްޔަނު ކުރެއްވި ޚަބަރު އިއްޔެ އިވުމާއެކު ހަނދާންތައް ފިރުކައިލީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. ރިޔާސީ ޓިކެޓަށް "ހޯރަ އަޅަމުންދިޔަ މިނިކާ ބާޒު" ތަކުގެ ތެރޭގައި ޑރ. ވަހީދުވެސް ހިމެނިވަޑައިގަތެވެ. ބަގާވާތަކުން ރައީސްކަމަށް ވަޑައިގެން އަދި އޭގެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް %5 ގެ ލަދުވެތި ނަތީޖާއަށްފަހު، ރަނގަޅު ފުރުސަތަކަށް ބައްލަވަން ހުންނެވި ޑރ.ވަހީދަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓަކީ ކާމިޔާބުގެ ޓިކެޓް ކަމަށް ދެކިވަޑައިގެން ދުރާލައި މަސައްކަތް ފެއްޓެވިއެވެ.

ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އެ ޕާޓީގެ ސެޕްޝަލް އެޑްވައިޒަރުގެ މަގާމު ފުރުއްވަން ފެއްޓެވިއެވެ. ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަން ފާޅުކުރެއްވިއެވެ. އެފަދަ ހާލަތު މެދުވެރިވުމާއެކު ކުށުގެ ރެކޯޑް ސާފުކުރައްވަންވެސް ހުށަހެޅުއްވިއެވެ.

އެހެނަސް، ޑރ.ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުޙައްމަދު މުއިއްޒު މާ ހުޝިޔާރެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕީޕީއެމް ހިންގުމުގައި އެންމެ އިސްކޮށް، މިނިވަންކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާ އެކު "ހެއްދެވި ޑީލެއްގެ ތެރެއިން" ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ކާމިޔާބު ކުރެއްވިއެވެ. މިކަމާ ގުޅިގެން ޑރ.ވަހީދު ފީޕީއެމް އިން ވަކިވެވަޑައިގަތެވެ.

ޑރ.ވަހީދު، 2023 ވަނަ އަހަރުގެ އޯގަސްޓް މަހު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިއެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ކުރައްވާ ޑރ.ވަހީދު ވާހަކަ ދެއްކެވި އިރު ތަކުރާރުކޮށް ވިދާޅުވި އެއްވާހަކައަކީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތް ކަމުގެ ވާހަކައެވެ.

"ޕީޕީއެމްގެ ސެނެޓް ބާއްވައިގެން ވޯޓްލާފައިހުރި ކެންޑިޑޭޓެއް ނެތް މިއަދަކު. ނަތީޖާއަކީ މިއަދު ވޯޓް ބެލޮޓްގައި މެޖެންޓާ ޕިންކު ކުލަވެސް ނެތީ. ވަހެއްވެސް ނެތީ. އެހެންވީމާ މިހާރު މަކަރާ ހީލަތުން ކުޑަކުޑަ ޕާޓީއަކުން ނިކުމެ ތިމަންނަމެން މީ ޕީޕީއެމްގެ ކެންޑިޑޭޓުންނޭ ކިޔައިގެން، ކޮބައިތޯ ޕީއެންސީގެ ކުލަ؟ އަޅުގަނޑުމެންނަކަށް ނުފެނޭ ޕީއެންސީގެ ކުލައެއް. ޕީޕީއެމްގެ ކުލަ ހުރީ. އެކަމަކު ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތޭ. މިއީ ކިހާބޮޑު އޮޅުވާލުމެއްތޯ މިއީ. އެހެންވީމާ މިހާބޮޑު އޮޅުވާލުމާ މަކަރާ ހީލަތުން ވެރިކަމަށް އަންނަން މަސައްކަތް ކުރާ މީހުން ވެރިކަމަށް ގެނައިމަ ދެން އަދި ކިހާބޮޑު ހީލަތަކާ މަކަރެއްތޯ ހަދާނީ. ކޮބައިތޯ އިތުބާރު ރައްޔިތުންގެ." ރިޔާސީ އިންތިޚާބުތެރޭގައި ޑރ.މުއިއްޒަށް ފާޑުވިދާޅުވެ، ޑރ.ވަހީދު ވިދާޅުވިއެވެ.

your imageޑރ.މުއިއްޒު، ރިޔާސީ އިންތިޚާބް ކެމްޕޭންތެރޭގައި ރައީސް ޔާމީންގެ ހުސްގޮނޑިއާއެކު.--

ޑރ.ވަހީދު އެދުވަހު އެ ވިދާޅުވި ވާހަކައިގެ ތެދުކަން، ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކުހެން ފެންނަން ފެށިއެވެ. ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަން ބޭނުން ކުރައްވައިގެންނެވެ. ރައީސް ޔާމީނުގެ ނަންޖަހައި ޖަލްސާ ތަކުގައި ހުސްގޮނޑި ބަހައްޓައިގެންނެވެ. އެދުވަހު އެކަން އެގޮތަށް ކުރީ، ޑރ.ވަހީދު ވިދާޅުވި ފަދަ ކިހާ ބޮޑު ހީލަތްތެރިކަމެއްގެ ދަށުންކަން އެނގުނީ އިންތިޚާބުގެ ކާމިޔާބަށްފަހު ރައީސް ޔާމީން އެކަހެރި ކުރުމުންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު ފެންނަނީ ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ގިނަ ވާހަކަތަކާ ދިމާއިދިކޮޅަށް ކަން ކުރައްވާތީއެވެ. ދެފުށް ފެންނަ ހާމަކަންބޮޑު ސަރުކާރެއް ހިންގެވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީވެސް ޑރ.ވަހީދު ވިދާޅުވި ފަދަ ހީލަތެކެވެ. ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނަމޭ ވިދާޅުވެ، ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީވެސް ޑރ.ވަހީދު ވިދާޅުވި ފަދަ ހީލަތެކެވެ. ފޯޅަވަހި ނުވަތަ ކަނޑުން ގެއްލުނު ބައި ހޯއްދަވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީވެސް ޑރ.ވަހީދު ވިދާޅުވި ފަދަ ހީލަތެކެވެ. އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށާ، އެމީހުން ބޭރު ކުރާނެ ކަމަށާ ހަދާފައިހުރި އެއްބަސްވުންތަކަކީ ދިވެހީންގެ މިނިވަންކަން ގެއްލޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާ އަދި އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީވެސް ޑރ.ވަހީދު ވިދާޅުވި ފަދަ ހީލަތްތަކެވެ. މިހެންގޮސް މި ލިސްޓް ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ.

ކެމްޕޭނުގައި މާލެއާއި ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައްވެސް މިއަދު ވެފައިމިވަނީ އެދުވަހު ޑރ.ވަހީދު ވިދާޅުވިފަދަ ހީލަތްތަތަކަށެވެ. ފުލެޓާއި ގޯތި ލިބުނު މީހުން ތިބީ ވާނުވާގައެވެ. ރަށްރަށަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާތީއެއް ނުފެނެއެވެ. ކުރީ ސަރުކާރުން ފަށާފައިހުރި ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ބަޖެޓްކޮށްފައިހުރި ގިނަ މަޝްރޫއުތަކުގެވެސް އަމަލީ މަސައްކަތް ފެށޭ ތަނެއް ނުފެނެއެވެ. ފެންނަނީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކާ އެކު ސޮއިކުރާތީ އެވެ. އެފަދަ ބައެއް ސޮއިތަކަކީ ހަމައެކަނި ރަމްޒީ ސޮއިތަކެއް ކަމަށް ގިނަބަޔަކު ގަބޫލުކުރާ ސަބަބަކީ އެ ކުންފުނިތަކުގައި އެފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ކެޕޭސިޓީ ނެތްކަމަށް ޚުދު މުއިއްޒު ކެބިނެޓް މިނިސްޓަރުން ވިދާޅުވެފައި ވުމެވެ. ފެންނަމުން މިދަނީ ކެމްޕޭނު ތެރޭގައި ޑރ.ވަހީދު ވިދާޅުވި ފަދަ ހީލަތްތަކެވެ.

ސިޔާސީ މަގާމުތައް ކުރީ ސަރުކާރަށްވުރެ މަދުވާނެ ކަމަށާއި ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ އެތައް ވާހަކަ އަކާއި ކުރެއްވި ކަންތައްތަކަކީ ޑރ.ވަހީދު ވިދާޅުވިފަދަ ކިހާ ބޮޑު އޮޅުވާލުމެއް ކަމާއި ކިހާބޮޑު ހީލަތެއްކަން މިއަދު ގިނަ ބަޔަކު ގަބޫލުކުރާނެއެވެ.

ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތްކަމަށް ވިދާޅުވެ ޑރ.ވަހީދު ތަކުރާރު ކުރެއްވި ވާހަކަ އާއި މިއަދުގެ ހަގީގަތް އަޅައިކިޔާއިރު މިއަދު ޕީޕީއެމްވެސް ނެތެވެ. އެ ޕާޓީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ޕީއެންސީއަށް ވައްދައި އެ ޕާޓީވެސް އުވާލައިފިއެވެ. ޕީޕީއެމްގެ ކުލައާއި ވަސް ވޯޓް ކަރުދާހުގައި ނެތް ކަމަށް އެ ދުވަހު ޑރ.ވަހީދު ވިދާޅުވިއެވެ. އަދި ޕީއެންސީގެ ކުލަ ނުފެންނަ ކަމަށް ވިދާޅުވެ އެ ކުލަ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. މިއަދު ޕީޕީއެމްގެ ކުލަ އެކަންޏެއް ނޫނެވެ. ޕާޓީވެސް އުވާލައިފިއެވެ. 

ތެދެކެވެ. ޑރ.ވަހީދު ވިދާޅުވިފަދަ ކިހާ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. ކިހާބޮޑު ހީލަތެއް ހެއްޔެވެ.

އާއެކެވެ. ކަންތައް ވެދިޔައީ ކެމްޕޭނު ތެރޭގައި ޑޮކްޓަރު ވަހީދު ވިދާޅުވި ގޮތަށެވެ. އެހުރިހާ ކަމެއް ލަފާކުރައްވައި އެނގިވަޑައިގެން ހުންނަވައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމުވެސް ޑޮކްޓަރު ވަހީދު ގަބޫލުވެސް ކުރައްވައިފިއެވެ.  

ކޮމެންޓް