ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
އަތޮޅު ކައުންސިލް އުވާލާ، ކައުންސިލް މެންބަރުން މަދުކުރާ ބިލް ތަސްދީގުކުރައްވައިފި
ޖުނާން އަޙުމަދު 1 ޑިސެމްބަރ 2025 (ހޯމަ)   16:12
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ދެ ބިލެއް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލުތައް ތަސްދީގުކުރުމާއެކު އެ ގާނޫނުތައް ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާއިރު، ދެން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެ ކަމަށާ، އަދި މި މި އިސްލާހުތަކާއެކު ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުން ކަމަށް ރައީސްއޮފީހުން މިއަދު ބުންޏެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތަކެއް އައިސްފައި ވާއިރު އެ ބަދަލުތައް ތިރީގައި އެވަނީއެވެ:

  • 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށު ކައުންސިލަށް 3 މެންބަރުން (އަންހެން 1) އިންތިހާބުކުރާނެއެވެ.
  • 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށު ކައުންސިލަކަށް 5 މެންބަރުން (އަންހެން 2) އިންތިހާބުކުރާނެއެވެ.
  • މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށެވެ.
  • ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 ގޮނޑީގެ ނިސްބަތުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުންނެވެ.

މި އިސްލާހާއެކު ޑަބްލިޔުޑީސީ (އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ) އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތަކެއް ގެނެވިފައި ވާއިރު، ޑަބްލިޔުޑީސީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފަރާތެއްކަމަށާ، އަދި އެއީ ފުލްޓައިމް މެންބަރެއްކަމަށް ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ އެއް މެންބަރަކު ހިމެނުމަށް ވެސް ކަނޑައަޅާފައި ވެއެވެ.

ކޮމެންޓް