
ރައީސް މުޢިއްޒު މިކަން އިއުލާނު ކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރު އޮންނަ ގޮތަކުން އައިނު ހެއްދުމަށް އާސަންދައިން ދެނީ 1000 ރުފިޔާ އެވެ. އެ ފައިސާ ދެނީ ވެސް ދެ އަހަރުން އެއް އަހަރު އެވެ.
އެ އަދަދު 2000 ރުފިޔާ އަށް ބޮޑު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިރޭގެ ޖަލްސާގައި އެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންނަ ޖޫން މަހުގެ އެކަކުން ފެށިގެން އެކަން ތަންފީޒު ކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
"އެކަމަށްޓަކާ ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމާ އަޅުގަނޑު ވާނީ ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި، ޖޫން އެކަކުން ފެށިގެން އައިނު ހެދުމަށް ދޭ 1000 ރުފިޔާ, 2000 ރުފިޔާއަށް ބޮޑު ކުރުމަށް," ރައީސް ވިދާޅުވި އެވެ.
ނަންބަރު އައިނު ހެއްދުމަށް ޓަކައި ލެންސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 4،000 ރުފިޔާ އާއި 6،000 ރުފިޔާ އާ ދެމެދުގެ އަގެއް ޚަރަދުވާއިރު، ލޮލުގެ ތަފާތު މައްސަލަތަކާ ގުޅިގެން އައިނު ބޭނުންކުރަން މަޖުބޫރުވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފަހަގަކޮށްލެވެއެވެ.




