މުޙައްމަދު ޝަރީފް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ގެއްލިގެން ހޯދަނީ އުމުރުން 31 އަހަރުގެ ރޫހުލް އަމީން ކިޔާ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި އެ މީހާ ގެއްލިގެން އުޅެނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުން ފެށިގެން ކަމަށެވެ.
އެ މީހާ މަސައްކަތް ކުރަމުން ދިޔައީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި ކަމަށާ، ސިއްހީ ފަރުވާއަށް ބަންގްލަދޭޝްއަށް ފުރުމަށްޓަކައި ވިލިމާލެ ފެރީން އެއާޕޯޓަށް ދާން ވެގެން ނުކުތް ގޮތަށް ހަބަރެއް ނުވާ ކަމަށެވެ.
ޝަރީފް ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހާއަށްވަނީ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައި ވެއެވެ. އެކަމަކު އެއީ ކޮން ބައްޔެއް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ. އަދި މީޑިއާއަށް މައުލޫމާތު ދެމުން އޭނާ ބުނީ އެޗްޕީއޭއިން ހިއްސާކުރި ރިޕޯޓުން އެމީހާއަށް ޖެހިފައި ހުރި ބައްޔެއް ނޭނގޭ ކަމަށާ، ރިޕޯޓްގައި އޮންނަނީ 'ކޮމިއުނިކެބަލް ޑިޒީސް' ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ޝަރީފް ބުނެފައިވާގޮތުން އެޗްޕީއޭ އިން އޭނާ ނުފުރާކަން ޔަގީންކޮށްދެއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އެޗްޕީއޭއިންވެސް ކުރަމުން ދާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެޗްޕީއޭއަށް ވެސް ފިލައިގެން އުޅޭ މީހަކަށް ވެފައި އެހެން މީހުންނަށް ބަލި ފެތުރޭ ގޮތަށް ބިދޭސީ މީހާ އުޅެފާނެތީ އެ ކަމުގެ ކަންބޮޑުވުން އޮތުމުން ޝަރީފް ވަނީ އެމީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އެ ބިދޭސީ މީހާގެ އެއްވެސް މައުލޫމާތެއް އޮތް ނަމަ 7478833 އަށް ގުޅުމަށް ޝަރީފް އެދިފައިވެ އެވެ.
މި ކަމާ ގުޅިގެން އެޗްޕީއޭ އިން ވެސް އަދި ފުލުހުންގެ ފަރާތުންވެސް އެއްވެސް ވާހަކައެއް އާންމުކޮށްފައެއް އަދި ނުވެއެވެ.