ނެޓްފްލިކްސްގެ އޯލް ދަ ޝާކްސްގެ މަންޒަރެއް.--
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް" ސީރީޒްގައި ފުވައްމުލަށް
އަޅުގަނޑުގެ އެންމެ ބޮޑު ކޮންޑިޝަނަކަށްވީ ޕްރެމިއާ އެޕިސޯޑް ރާއްޖެއަށް ހާއްސަކުރުން – އިނާހް
ފިޔެސް 5 ޖުލައި 2025 (ހޮނިހިރު)   10:44
ފުވައްމުލަކުގެ ޑައިވް ސައިޓްތައް ހިމަނައިގެން ނެޓްފްލިކްސް އިން އުފެއްދި "އޯލް ދަ ޝާކްސް" ސީރީޒް ރިލީޒް ކޮށްފިއެވެ.

ނެޓްފްލިކްސް އިން އިއްޔެ އާންމުކުރި މި ސީރީޒްގެ ޕްރެމިއާ އެޕިސޯޑް، "އައި އޮފް ދަ ޓައިގާ ޝާކް" ހާއްސަ ކޮށްފައި އޮތީ ފުވައްމުލަކަށެވެ. 

ފުވައްމުލަކަކީ ގިނަ އަދަދަކަށް ޑައިވް ސައިޓްތައް އޮންނަ ޑައިވް ކުރުމަށް، ހާއްސަކޮށް ޓައިގާ ޝާކް ބެލުމަށް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ ރަށެކެވެ.

ފުރަތަމަ އެޕިސޯޑް ފުވައްމުލަކުގެ ހިތްގައިމު އަތިރިމަތިން ފެށިގެންދާއިރު، ޝޯވްގެ ހޯސްޓް ފުވައްމުލަށް ތައާރަފްކޮށްދެނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު "ޝާކް އައިލެންޑް" ގެ ގޮތުގައެވެ. އޭނާ ބުނާ ގޮތުގައި އެ ރަށުގެ ބޭރު ފަރު ސަރަހައްދުގައި ގިނަ ވައްތަރު ތަކެއްގެ މިޔަރު އުޅެއެވެ.

ނެޓްފްލިކްސްގެ މި ސީރީޒްގައި ރާއްޖެ ހިމަނަން އެންމެ ބޮޑަށް މަސައްކަތް ކުރީ ޑައިވް ކުރުމުގައި 17 އަހަރު ހޭދަކޮށްފައިވާ އަދި ފުވައްމުލަކުގައި އެންމެ ފުޅާދާއިރާ އެއްގައި ޑައިވްގެ ހިދުމަތްދޭ ޕެލަޖިކް ޑައިވާސް ފުވައްމުލަށްގެ ވެރިޔާ އަޙްމަދު އިނާހް އެވެ.

އިނާހް ވަނީ މި ސީރީޒް އާ ގުޅޭގޮތުންނާއި ފުވައްމުލަކުގައި ސީރީޒްގެ ޝޫޓް ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ފިޔެސް އަށް މައުލޫމާތު ދެއްވާފައެވެ.

"އަޅުގަނޑުގެ އައިޑިއާ ވަރަށް ބޮޑަށް ޝެއާކޮށްގެން، ވަރަށް ގިނަ މީޓިންތަކާ އެއްޗިސް ކުރިއަށް ގެންގޮސްގެން މި ސީރީޒްވެސް އަދި ސީރީޒްގައި ރާއްޖެ ހިމެނީވެސް. އެމެރިކާއަށްވެސް ދިޔައިން 2 ފަހަރު މީޓިންއަށް.  އެ ޓީމް މިކޮޅަށް އައީ މިދިޔަ އަހަރު. އައިސް ޝޫޓް ކުރީ. އަޅުގަނޑުގެ އެންމެ ބޮޑު ކޮންޑިޝަނަކަށްވީ ޕްރެމިއާ އެޕިސޯޑް ރާއްޖެއަށް ހާއްސަކުރުން. ބޭނުންވީ ރާއްޖެ ބޮޑަށް އިޝްތިހާރު ކުރަން. މިއީ ވަރަށް ބޮޑު އިޝްތިހާރެއް." އިނާހް ފާހަގަކުރެއްވި އެވެ.

your imageއިނާހް އަދި ސީރީޒްގައި ހިމެނޭ ޓީމްތަކުގެ މެންބަރުން.--

އިނާހް ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރު ފުވައްމުލަކަށް 4300 އެއްހާ ޓޫރިސްޓުން ޒިޔާރަތްކުރިއިރު އެ އެންމެންނަކީވެސް ޑައިވް ކުރަން ނުވަތަ މިޔަރު ބަލަން ޒިޔާރަތްކުރި މީހުންނެވެ. އިނާހް އުންމީދު ކުރައްވަނީ ނެޓްފްލިކްސްގެ މި ސީރީޒާއެކު ރާއްޖެއާއި ފުވައްމުލަށް އިތުރަށް އިޝްތިހާރުވެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ.

ނެޓްފްލިކްސް އިން އަލަށް ފެށި މި ސީރީޒްގައި 6 އެޕިސޯޑް ހިމަނާފައިވާއިރު، މި ސީރީޒް ގައި ދައްކަނީ މިޔަރަށް ލޯބިކުރާ 4 ޓީމެއްގެ މެދުގައި ކުރިއަށްދާ ވާދަވެރި ރޭހެކެވެ. އެ ރޭހުގައި ޖެހެނީ ފާހަގަ ކުރެވޭ އެކި ސަރަހައްދުތަކަށް ޑައިވް ކޮށްގެން މިޔަރުގެ ފޮޓޯ ނަގާށެވެ. އެކި ވައްތަރުގެ މިޔަރުގެ ފޮޓޯ އަށް ޕޮއިންޓް ކަނޑައަޅާފައި ހުންނަނީ އެކި ވަރަށެވެ. ކަނޑުގެ އެންމެ އަޑިން، މަދުން ނޫނީ ނުފެންނަ މިޔަރުތަކަށް ގިނަ ޕޮއިންޓް ލިބޭއިރު އާންމުކޮށް ގިނައިން ފެންނަ މިޔަރަށް ލިބެނީ މަދު ޕޮއިންޓެވެ.

ހަތަރު ޓީމުގައި ކޮންމެ ޓީމެއްގައި ދެ މީހުން ހިމެނޭއިރު އެ އެންމެންނަކީވެސް އެކި ދާއިރާތަކުން ހާއްސަވެފައިވާ މީހުންނެވެ. އޭގެތެރޭގައި ޑައިވަރުންގެ އިތުރުން، މެރިން ބަޔޮލޮޖިސްޓުންނާއި ތިމާވެށީގެ ނޫސްވެރިންނާއި އަންޑަވޯޓަރ ކެމެރާމަނުން ހިމެނެއެވެ. މި ޓީމުތައް ދުނިޔޭގެ ފަސް ބައްރަކަށް ދަތުރުކޮށް އެކި ސަރަހައްދުތަކަށް ޑައިވްކޮށްގެން ނަގާ މިޔަރުގެ ފޮޓޯއަށް ލިބޭ ޕޮއިންޓުން އެއްވަނަ ލިބޭ ޓީމަށް 50،000 ޔޫއެސް ޑޮލަރު އިނާމްގެ ގޮތުގައި ލިބެއެވެ. މިއީ މިބާވަތުގެ ފުރަތަމަ މުބާރާތް ކަމަށް ނެޓްފްލިކްސް އިން ބުނެފައި ވެއެވެ.

މި ސީރީޒްގެ ޝޫޓިން ފުވައްމުލަކުގައި ކުރިއަށްދިޔައިރު 70 މީހުންގެ ޓީމެއް ހަރަކާތްތެރި ވިއެވެ. އެމީހުން 12 ދުވަސް ރާއްޖޭގައި ހޭދަކޮށްގެން ކުރި މަސައްކަތް އިއްޔެ ނެޓްފްލިކްސްގައި އާންމުކޮށްފައިވާއިރު، އެއީ ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމެކެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު މުނިފޫހިފިލުވުމުގެ އެއް ހިދުމަތް ކަމަށްވާއިރު، 190 އަށް ވުރެ ގިނަ ގައުމުގައި 300 މިލިޔަނަށް ވުރެ ގިނަ މީހުން އެ ވެބްސައިޓްގެ ޕެއިޑް މެންބަރޝިޕް ހޯދާފައިވެއެވެ.

"އޯލް ދަ ޝާކްސް" ސީރީޒްގެ ޓްރެއިލާ

ކޮމެންޓް
ސައީދު ހަސަން
3 days ago
ރާއްޖެ އިޝްތިހާރު ކުރަން މިފަދަ އާންމު ރައްޔިތުން ކުރާ މަސައްކަތް ސަރުކާރުން ބަލައިގަންނަންޖެހޭ. އެމީހުން ކުރަނީ ގައުމީ ހިދުމަތް ހިލޭ ސާބަހަށް. ބޮޑު މުސާރަ ދީފައި ތިބޭ ސިޔާސީ މިހުންނަށް ވުރެ އިނާހު ފަދަ ހިދުމަތްތެރިންގެ ސަބަބުން ގައުމަށް ލިބޭ ފައިދާ މާބޮޑު.
ހުސެން
3 days ago
މިއީ ރާއްޖޭގެ ވެސް ވަރަށް ބޮޑު އިCްތިހާރެއް. މިކަހަލަ Cޯތަކުގައި ރާއްޖޭގެ ޓީމެއްވެސް ބައިވެރިވާނަމަ ރަނގަޅުވާނެއެއްނު.
ނޫންތަ؟
4 days ago
ލިވަޕޫލް ސްޕޮންސާއަށް އެމްއެމްޕީއާރުސީން ހަރަދުނުކޮށް މިކަހަލަ ކަންކަމަށް ސަރުކާރުން ހިއްވަރު ދޭނަމަ ގައިމު އެ ލާރިކޮޅު ރާއްޖޭގައި ހުރީސްދޯ
ނިޔާ
4 days ago
ފޯކްލޭންޑް ދަ ޝާކްލޭންޑް .. ވަރަށް ބޮޑު އެޑްވަޓައިސެއް!!
ދޮންބެ
4 days ago
އިނާހު މިކުރީ އެމްއެމްޕީ އާރުސީ ކަހަލަ ސަރުކާރު ކުންފުނިން ވެސް ނުކުރާ ކަހަލަ މަސައްކަތެއް. ސާބަހޭ ދަރިޔާ.