އުތީމަށް ޒިޔާރަތްކުރެއްވި ބޭރު ޤައުމުތަކުގެ ސަފީރުންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ
ޤައުމީ ދުވަހަށް އުތީމަށް ވަޑައިގަތް ބޭރުގެ ސަފީރުންނަށް ގަނޑުވަރު ދަތުރެއް
ފިޔެސް 25 އޯގަސްޓް 2025 (ހޯމަ)   14:46
މި އަހަރުގެ ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަށް ދަޢުވަތު އެރުވިގެން ހއ. އުތީމަށް ޒިޔާރަތްކުރެއްވި ބޭރު ޤައުމުތަކުގެ ސަފީރުންނަށް ގަނޑުވަރު ދަތުރެއް ދެއްވައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިއީ ބޭރު ސަފީރުންގެ އެދިވަޑައިގަތުމަކަށް އިންތިޒާމުކުރެވުނު އެ ބޭފުޅުން ވަރަށް ހިތްޕުޅުހަމަޖެނު ހަރަކާތެކެވެ. 

މި ހަރަކާތްފެށުނީ އުތީމު މަހާރަދުން ފޭރާންކުރައްވާން ޖެއްސެވި ކަޑައިން ރޯވެހެދިފައިވާ 500 އަހަރުވީ ކާނިގަސް ކައިރީންނެވެ. 

މި ގޮތުން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމާއި، ދައުލަތެއް އުފެދުމުގެ ތާރީޚުން ފެށިގެން އުތީމު މަހާރަދުންގެ ހާދިސާއާ ހަމައަށް ރާއްޖެ ތަޖުރިބާކުރި މައިގަނޑު  އެކި ހާލަތްތަކާއި އިޤުތިޞާދީ އިސްތިޢުމާރީ ކަންކަން ހިއްސާކުރެވުނެވެ. 

މި ހަރަކާތްތަކުގައި  ޕާކިސްތާން، ޗައިނާ، ޖަޕާން، ބަނގުލަދޭޝް، އޮސްޓްރޭލިޔާ، އިންޑިޔާ، އެމެރިކާ، އިނގިރޭސިވިލާތުން ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަތެވެ. 

your imageފޮޓޯ: މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

ދަތުރަށް ފަހު، ބައެއް ސަފީރުން ޝުޢޫރު ފާޅުކުރެއްވި ގޮތުގައި، ރާއްޖެއަކީ ވަރަށް ނަސީބުވެރި ޤައުމެކެވެ. އަދި ރާއްޖެއަކީ ވަރަށް ޝައުޤުވެރި މުހިންމު ތާރީޚަކާއި ސަގާފަތެއް ލިބިގެންވާ ޤައުމެކެވެ. އެހެންކަމުން ދިވެހި ތާރީޚު ގިނަ ބަޔަކަށް އެނގޭނެ ފަދަ އުފެއްދުންތަކެއް އުފައްދައި އާންމުކުރުން ވަރަށް ބޭނުންތެރިއެވެ.  

ޗައިނާގެ ސަފީރު މި ހަރަކާތުގެ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވާ ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީޚުގެ ފިލާވަޅެއް ނެގުމަށް އެންމެ ރަނގަޅު ތަނަކީ އުތީމު ކަމަށެވެ.

މި ހަރަކާތުގައި ސަފީރުންނަށް މަޢުލޫމާތުދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދެ މުއަައްރިޚުންކަމުގައިވާ، ޢަލާދީދީ އާއި، އިޔާޒު ޖާދުالله ނަސީމެވެ. 

ގަނޑުވަރު ދަތުރުގައި ބައިވެރިވެވަޑައިގަތް ސަފީރުން ވަނީ، އުތީމު ގަނޑުވަރުގެ އެތެރޭގެ ބައިތައް ބައްލަވާލައްވާފައެވެ. އަދި ގަނޑުވަރުގެ އެތެރެގޭތެރޭގައި ތިބޭ އިރު، އުތުރުފަރާތުން ބޭރުގައި ހިނގާ ކަންކަން އެތެރޭ ފަރުދާކޮޅުން ކުލަ ވީޑިއޯއެއް ގޮތަށް ފެންނަ ފެނުން އެ ބޭފުޅުން ވަރަށް ޝައުޤުވެރިކަމާއެކު އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވިއެވެ.

މި ހަރަކާތުގެ އިތުރު ފޮޓޯތައް ހިމަނާލަމެވެ. މި ފޮޓޯތައް ފިޔެސް އާ ހިއްސާކުރީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުންނެވެ. 

your imageފޮޓޯ: މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

your imageފޮޓޯ: މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

your imageފޮޓޯ: މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

your imageފޮޓޯ: މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް


ކޮމެންޓް