ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ބައިނަލްއަގުވާމީ ފެންވަރުގައި މުއާސަލާތީ ހިދުމަތްދިނުމަށް ހަރަކާތްތެރިވާ އުރީދޫގެ، ރާއްޖޭގެ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެވެ. އުރީދޫގެ ފަރާތުން އެ އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސާ ހާލިދު އަލް ހަމާދީ އެވެ.
ވަތަނިއްޔާގެ ނަމުގައި އުފެދުނު 2005 ވަނަ އަހަރު ރާއްޖޭގައި ހަރަކާތްތެރިވެ، ފަހުން އުރީދޫ މޯލްޑިވްސްއަށް ރީބްރޭންޑް ކޮށްފައިވާ އެ ކުންފުންޏަކީ، ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އީޖާދީ ބަދަލުތަކެއް ގެނެސްފައިވާ އަދި މިހާރުވެސް ގެންނަމުންދާ ކުންފުންޏެކެވެ.
އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއް ވިއުގައަކުން ގުޅާލައި އެންމެ ޒަމާނީ ފެންވަރުގައި މުއާސަލާތީ ހިދުމަތް ދިނުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ އިތުރުން ހިތްވަރު ދިނުމުގެ އިނާމު 9 ބޭފުޅަކަށް އަދި ޝަރަފުވެރިކަމުގެ އިނާމު 3 ބޭފުޅަކަށް ވަނީ ދީފައެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު މއ. ފީރޯޒްވާދީ
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: މުޙައްމަދު މަޢުރޫފް ޖަމީލް މ. ދޫރެސް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 9 ބޭފުޅުންނާއި ކުންފުންޏަކީ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން: ޙުސްނާ ފަހްމީ މ. އަފްޒާ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ
- ސިއްހީ ދާއިރާއިން ސިއްހީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން: ޑޮކްޓަރ ޢަބްދުލްޢަޒީޒް ޙަމީދު ފިނިފެންމާގެ، ފ.ނިލަންދޫ
- ސިއްހީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްގީކުރުމުގެ ރޮނގުން: ޢާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ
- އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން: ފާޠިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު
- އިޖުތިމާޢީ ހިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން: އަޙްމަދު ވަޙީދު ޢަލީ ވެހި، ހއ. ކެލާ
- ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ
- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލް ޢަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ
- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން: މުޙައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ
- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ ޒަހިއްޔާ މުޙައްމަދު މުރީދުގެ، އއ. އުކުޅަސް
ގައުމީ ދުވަހުގެ ހާއްސަ ރައްމިއްޔާތުގައި ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރުވާފައި ވާއިރު، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އާދަމް ޢަބްދުއްރަޙްމާނަށް (އުތީމު އާދަންބެ) ރައީސުލްޖުމްހޫރިއްޔާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތްވެސް ވަނީ އަރުވާފައެވެ.