އޭއައި އިން އުފައްދާފައިވާ ތަސްވީރެއް.--
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި
މަރްޔަމް މުޙައްމަދު 10 ޑިސެމްބަރ 2025 (ބުދަ)   15:41
ޖުވާ ކުޅުމާއި ޖުވާ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިން ވިދާޅުވެފައިވެ އެވެ.

އުޝާމް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.

ކޮމެންޓް