
މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މުވައްޒަފުން ނެގުން ހުއްޓިފައި އޮތުމުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާ، މިސްކިތްތައް ރީތިކުރުމަށް ނަގާ މުވައްޒަފުން ވަކިވުމުން އެ މުވައްޒަފުން ނެގޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށެވެ.
މިސްކިތްތަކާއި މައިޒާންތައް އިތުރުވެ، އެ ތަންތަން ބަލަހައްޓަން ބޭނުންވާ މުވައްޒަފުން ނަގަންޖެހޭ ކަން ވެސް ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެލްޖީއޭގެ ހުއްދަ ނުނަގައި އެ ތަންތަނަށް ކޮންމެހެން ހޯދަންޖެހޭ މުވައްޒަފުން ނުލިބޭ ކަމަށެވެ.
"މިސްކިތަކުން މުވައްޒަފަކު ވަކިވިޔަސް އެ މުވައްޒަފެއް ނުލިބޭ. އަޅުގަނޑަށް ފާހަގަކުރެވެނީ މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާ ބަރި އާއި މިސްކިތްތަކުގެ ދެން ހުރި ތަންތަން ރީތިކޮށް ހަދާ ނިންމާ މިކަން ކުރިތަން ފެނިގެން ދެން އެތަންތަން ހަލާކުކޮށްލުމުގެ ވިސްނުމެއްގައި މުވައްޒަފުން ނުދީ ހިފަހައްޓަނީ،" އާދަމް އާޒިމް ވިދާޅުވި އެވެ.
އަދި ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައީ، ކައުންސިލްތަކަށް އެތައް ބައިވަރު ފައިދާތަކެއް އަދި އާމްދަނީއެއް ފާއިތުވެދިޔަ ދުވަސްތަކުގައި ލިބި، އެ ފައިސާއިން އެތައް ކަމެއް ރައްޔިތުންނަށްޓަކައި ކައުންސިލްތަކުން ކޮށްދިނުމުން ހިތަށް ކެތް ނުވެގެން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.
އެހެންކަމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެއްލުންވާ ގޮތަށް އަދި ކައުންސިލްތަކަށް ގެއްލުންވާ ގޮތަށް ގެނެސްފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އާދަމް އާޒިމް ވަނީ ގޮވާލައްވާފައެވެ.
ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ގިނަ ބާރުތަކެއް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން އޮގަސްޓް 6 ވަނަދުވަހު ފާސްކުރުމުން، އޮގަސްޓް 14 ވަނަ ދުވަހުގައި ރައީސް މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.
ތަންތަން ކުއްޔަށް ދޫކުރުމަށާއި، ވިޔަފާރި ކުރުމަށާއި، ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން އެ ބިލް ތަސްދީގު ނުކުރަން ގޮވާލާ ބަޔާން ނެރެ، އަދި 100 ވަރަކަށް ކައުންސިލުން ވެސް އެ ބިލު ތަސްދީގުނުކުރުމަށް ގޮވާލައްވާފައި ވަނިކޮށެވެ.




