ބީކޭއެމްޔޫގެ މެންބަރުން، ފިޝަރީޒް މިނިސްޓަރާ ބައްދަލުކުރުމަށް މިއަދު ވެލާނާގެ ބިލްޑިންގ ކައިރި - ފޮޓޯ: ބީކޭއެމްޔޫ
މިނިސްޓަރު ދެއްވީ އުންމީދީ ޖަވާބު، އެދެނީ އަމަލީ ސިފައެއް ޖެހުން
މަސްވެރިންގެ އިހުތިޖާޖުގެ ހައްޔަރީންގެ ގޮތުގައި ތިބި، ދެ ކެޔޮޅުން ދޫކޮށްލަންދެން އިހުތިޖާޖު ކުރިއަށްދާނެ - ބީކޭއެމްޔޫ
ޖުނާން އަޙުމަދު 15 ޑިސެމްބަރ 2025 (ހޯމަ)   19:46
ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއެކު، މިއަދު ބޭއްވި ދިގު ބައްދަލުވުމުގައި ޑިމާންޑުތަކަށް އުންމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ބޮޑު ކަންނެލި ބީކޭއެމްޔޫ (ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން) އިން މިއަދު ބުނެފިއެވެ.

ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، މިދިޔަ ބުދަ ދުވަހު (މި އަހަރުގެ މަސްވެރިންގެ ދުވަސް) ހެނދުނުން ފެށިގެން ބީކޭއެމްޔޫ އިން، ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުން އަންނަނިކޮށް، މިއަދު ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް، ބޮޑު ކަންނެލީގެ 20 މަސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.

ވެލާނާގޭ ބިލްޑިންގުގައި، މިއަދު ހެނދުނު 11:00 ހާއިރު، ފެށި ބައްދަލުވުން މެދުކަނޑާލީ މެންދުރު ދޭއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އަދި 15:00 ހާއިރު އަލުން ބައްދަލުވުން ފަށާ، ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުން ނިންމާލިއެވެ.

ބައްދަލުވުން ނިންމާލުމަށް ފަހު ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުޙައްމަދު ނޫސްވެރިންނަށް ވިދާޅުވީ، މިއަދުގެ ބައްދަލުވުން ކާމިޔާބު ކަމަށާ، އެ ބައްދަލުވުމުގައި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ފުޅާ ދާއިރާއެެއްގައި މަޝްވަރާކުރިކަމަށާ، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަހަށް ހައްލު ހޯދުމުމުގެ ގޮތުން ކުއްލި ބައްދަލުވުމެއް ބާއްވަވަން މިނިސްޓަރު ވަޑައިގަންނަވަން ޖެހުމުން މިއަދުގެ ބައްދަލުވުން ނިންމާލީ ކަމަށެވެ.

"މިވަގުތުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތަނުގައި ހައްލު ކުރަން ހުރި ކަންތައްތަކާއެކު ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. އުންމީދުކުރަނީ ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް."

- އިމްރާން މުޙައްމަދު

އެ އިހުތިޖާޖުން ހައްޔަރުކުރި ބައެއްމީހުން ދޫކޮށްލި ނަމަވެސް، ދެ ކެޔޮޅަކު އަދިވެސް ބަންދުގައި ތިބިއިރު، މަސްވެރިން މިހާރު ސިލްސިލާ މުޒާހަރާތައް ބައެއްފަހަރު ކުރަމުން އަންނަނީއެއްގަމުގައެވެ. އަދި އެ ޔޫނިއަނުން ބުނި ގޮތުގައި، ހައްޔަރުކޮށްފައި ތިބި އެ ދެ ކެޔޮޅުން ދޫކޮށްލަންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް ދާނެއެވެ.

ކޮމެންޓް