މެންބަރު މައުރޫފް ޒާކިރު، ސާޖަރީއަށްފަހު އައިޖީއެމް ހޮސްޕިޓަލުގައި.--
މަޓޭ ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ހިޝާމް ހާރޫން 13 ޑިސެމްބަރ 2025 (ހޮނިހިރު)   23:20
ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މައުރޫފް ހައްޔަރު ކުރީ މަސްވެރިންގެ ދުވަސް ކަމަށްވާ، ޑިސެމްބަރު 10 ވަނަ ދުވަހެވެ. އޭނާ 5 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖަހާފައިވިޔަސް މިރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލި އިރު، އޭނާ ވަނީ މިއަދު އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން ފިޔެސް އިން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ މައުރޫފް ޑޮކްޓަރަށް ދެއްކީ އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާ، އަދި ޑޮކްޓަރަށް ދައްކަނީ ފުލުހުންގެ ބަންދުގައި ހުއްޓާ ދިމާވި ކަމެއްގެ ސަބަބުން ނޫންކަމަށްވެސް ފުލުހުން ބުންޏެވެ. މައުރޫފް ޑޮކްޓަރަށް ދައްކާ ސާޖަރީ ކުރަން ޖެހުނީ ފުރަގަސްފަރާތުން ލޭ އަންނާތީ އެ މައްސަލަ ހައްލު ކުރަން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

"މައުރޫފް މިވަގުތު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ. އޭނާ މިހާރު އޮންނެވީ އާއިލާއާއެކު ހޮސްޕިޓަލުގައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވި އެވެ. އެ ޕޯސްޓްގައި އޭނާވަނީ އައިޕީޔޫ އަށާއި އައިއެލްއޯ އަށް ޝުކުރު އަދާކޮށްފައެވެ. މަޓޭ ހައްޔަރުކުރި މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ އެ ދެ އިދާރާއަށްވެސް ހުށަހަޅާފައެވެ. 

ބޮޑު ކަންނެލި މަސްވެރިން މާލޭ ކައިރީގައި މުޒާހަރާ ފެށި މަސްވެރިންގެ ދުވަހުގައި ޑިސެމްބަރު 10، ގަ އެވެ. ގާތްގަނޑަކަށް 50 ދޯނި ބައިވެރިވާ އެ މުޒާހަރާގައި މަސްވެރިން ކުރަމުން އަންނަ ޑިމާންޑަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމެވެ.

އެއީ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 85 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދަށް ހެދުމާއި ބޭސް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމާއި އައިސް ލިބުމަށް މަގު ފަހި ކުރުމެވެ. އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

މައުރޫފްއާއެކު ޖުމުލަ ހަތް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ މައުރޫފްގެ އިތުރުން ދެ ކެޔޮޅަކާއި ހަތަރު ބިދޭސީންނެވެ. ތިން މަސްއޮޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި އެވެ. ފުލުހުން ވަނީ މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް އޮޑިފަހަރުތަކަށް އަރައި، މުޒާހަރާއަށް ހުރަސް އަޅައިފަ އެވެ.

ކޮމެންޓް