މި ސަރުކާރުގެ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހިންގުމާ ގުޅޭގޮތުން މިނިސްޓަރ ހީނާ ވަލީދަށް އަމާޒުކޮށް ސާދަ ސުވާލެއް، ކުރީ ސަރުކާރުގެ ތާރީހާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) ކުރައްވައިފި އެވެ.
މި ސުވާލުތަކާއެކު އެކްސްގައި ތޯރިގު ރޭ ކުރެއްވި ޕޯސްޓެއްގައި، ހީނާ އަށް މަރުހަބާ ދަންނަވައި ވިދާޅުވެފައި ވަނީ، އެ މިނިސްޓްރީގެ ކުރީގެ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމްގެ ދައުރުގައި ހިނގާފައިވާ ސާދަކަމަކާ ގުޅޭ ގޮތުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކެއް އެބަހުރި ކަމަށެވެ.
ތޯރިގުގެ ސުވާލުތައް އަމާޒުކުރައްވާފައި ވަނީ، މާދަމާވެސް މޭޒުގެ އަނެއް ފަރާތުގައި އިންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ބައްލަވައިގެން މަސައްކަތް ކުރެއްވުމަށް ހީނާއަށް ނަސޭހަތްތެރިވެލައްވަމުންނެވެ.
"އަލަށް ހެރިޓޭޖް މިނިސްޓަރ ކަމަށް ވަޑައިގެންނެވި ހީނާވަލީދަށް މަރުހަބާ ދަންނަވަން. މާދަމާވެސް މޭޒުގެ އަނެއް ފަރާތުގައި އިންނަވަން ޖެހިވަޑައިގެންފާނެކަމަށް ބައްލަވައިގެން ކުރިޔަށް ވަޑައިގަތުމަށް ނަސޭހަތްތެރިވަން. ކުރިން ހުންނެވި ވަޒީރު އާދަމް ނަސީރުގެ ދުވަސްވަރުގެ ބައެއްކަން ކަން އިތުރަށް ސާފުކޮށްލަ ދެއްވުން އެދެން." – ތޯރިގު
އެގޮތުން، ތޯރިގު ސާފުކުރައްވަން ބޭނުންފުޅުވެލައްވާކަމަށް ވިދާޅުވެ ހީނާއަށް ހުށަހެޅުއްވި 15 ސުވާލަކީ:
- ޤައުމީ ޗާޕްހާނާގެ އަދާހަމަ. މިހާތަނަށް އެތަނުން ހިލޭ ސާބަހަށް ޗާޕުކޮށްދެއްވި ފޮތުގެ އަދަދު.
- އުސްގެކޮޅުގަ ހެދި ދާރުލްއާސާރުގެ އަދާހަމަ.
- ކަޅުވަކަރު މިސްކިތާއި، އެ ސަރަހައްދު، ކަޅުއޮށް ފުންމީގެ ނަމޫނާ އެތާ ބަހައްޓައި ބޮޑުތަކުރުފާނު ވާހަކަ އެތަނުން ކިޔައިދޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ގޮތުގެ އަދާހަމަ.
- އުފެއްދެވި ކޮލެޖުގެ އަދާހަމަ. އެތަނުން ދަސްވެނިވި މީހުންގެ އަދަދާއި މިހާރު ކިޔަވަމުންދާ މީހުންގެ އަދަދު.
- ހއ. އުތީމުގައި ތަރައްގީ ކުރައްވާފައިވާ ދިވެހި ބޭހަށް ބޭނުންކުރާ ފަތްޕިލާ ވެއްޔާއި އެކަމަށް ބޭނުންޖެހޭ ގަސްގަހާގެހި އިންދާ ހައްދަމުންދާ ބޮޑު ދަނޑުގެ އަދާހަމަ.
- ހއ. އުތީމު ، ބާރަށް، ތަކަންދޫ، އިހަވަންދޫ ، ހިމެނޭގޮތަށް ހިންގަވާ، ގައުމިއްޔަތު އިއާދަކޮށް، ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވުމުގެ ބިޔަ މަޝްރޫއު ގެ އަދާހަމަ.
- ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒެއް ޤާނޫނަކުން އުފައްދާފައި ވަނިކޮށް ރައީސް މުއިއްޒުއަށް އޮޅުވާލައިގެން އުފެއްދި ސަގާފީ ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި ކުރި ދިރާސާ ތަކުގެ އަދާހަމަ.
- މާލޭ ހުކުރު މިސްކިތަށް ގެއްލުން ވާގޮތަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު.
- މާލޭ ހުކުރު މިސްކިތުގެ މަސައްކަތް ކުރުމުގައި އެ މިސްކިތަށް ގެއްލުން ލިބޭނެ ކެމިކަލް ކުރީސަރުކާރުން ބޭނުންކޮށްފައިވާ ކަމަށް ކުރިން ހުންނެވި ވަޒީރު ވިދާޅުވެފައިވާތީ އެ ވިދާޅުވީ ކޮން ކެމިކަލެއް ކަން.
- ރާއްޖޭގައި ހުރި އާސާރީ ބިނާތައް އާބާތުރަ ފިލުވުމުގައި ކުރީ ސަރުކާރުން ދީފައިވާ ލަފާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެތަންތަނަށް ލިބިފައިވާކަމަށް ކުރިންހުނެވި ވަޒީރު ވިދާޅުވެފައިވާތީ އޭރު އެ ދެއްވާފައިވާ ލަފާގެ ތަފްސީލް.
- ދާރުލް އާސާރުގައި ވަގުތީގޮތުން ބާއްވާ މައުރަޒު ތައް ބޭއްވުމަށް އޮތް ޖާގަ ސިޔާސި މީހުންގެ ކޮޓަރި ކޮޅުތަކާއި އެ މީހުންގެ ހަރަކާތްތަކަށް ހޯލެއް ހެދުންމުގެ އިތުރަށް ދާރުލްއާސާރު ގެ ތަރައްގީ އަށް ކުރި އެންމެ ކަމެއްގެ ތަފްސީލް.
- ސަތޭކަ އެތައް ގައުމެއްގައި ތަރިކަ މެނޭޖު ކުރާ ގޮތުގެ ދިރާސާ ހައްދަވާ ފައިވާ ކަމަށް ވިދާޅުވެފައިވާތީ އެ ދިރާސާ ތަކުގެ ތަފްސީލު.
- ކަޅުއޮށްފުންމީގެ ނަކަލުގެ ގޮތުގައި އޮތް އުޅަނދު ކަޅުވަކަރު މިސްކިތު ގޯތިތެރޭގައި ބޭއްވުމަށް އެހާ ފުރިހަމަ ހަރުގެ އެއް އަޅާފައި ވީނަމަވެސް މިހާރު އެ އުޅަނދު ފަނިބޮއި ހަލާކު ވަމުން ދާތީ އެކަމަށް ދީފައިވާ ފަރުވާގެ ތަފްސީލް.
- ރާއްޖޭގެ އެއްވެސް ރަށެއްގައިހުރި މާއްދީ ތަރިކަ އަކަށް ގެއްލުންވެގެން ނުވަތަ ގެއްލުން ވެދާނެތީ އެތަނެއް ނުވަތަ އެ އެއްޗެއް އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރި ކުރުމުގެ ފަރުވާ ދެވިފައިވާނަމަ އެފަދަ އެންމެ ތަނެއްގެ މައުލޫމާތު.
- އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ ހިލޭ އެހީގައި އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރަމުންދިޔަ މާލޭ ހުކުރު މިސްކިތުގެ އަދާހަމަ އަދި ރާއްޖޭގެ ބައެއް ރަށްރަށުގާ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މަޝްރޫއުތަކުގެ އަދާހަމަ.
މި ސުވާލުތައް ނިންމަވާލައްވަމުން ތޯރިގު ވިދާޅުވެފައިވަނީ މިއީ އަދި ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ކަންކަމުގެ ކުޑަ މިންވަރެއް ކަމަށާ، މީގެ ކުރިން މަޖިލީހަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި ކަންކަމަށް ދީފައިވާ ޖަވާބުތައް ބައްލަވާލެއްވުމަށް ވެސް އާ ވަޒީރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.