މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.-- ފޮޓޯ: މަޖިލިސް
މިނިވަން ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީން ހަރަދުކުރީ 4.1 މިލިޔަން ރުފިޔާ
މަރްޔަމް މުޙައްމަދު 1 ޖުލައި 2026 (ބުދަ)   11:49
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ހެރިޓޭޖު މިނިސްޓްރީން ހަރަދުކުރީ 4.1 މިލިޔަން ރުފިޔާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ހީނާ ވަލީދު އާ ސުވާލު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އޭނާ ކުރެއްވި ސުވާލުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތު ފާހަގަ ކުރުމަށް އެ މިނިސްޓްރީން ކުރި ހަރަދުތަކުގެ ތަސީލުތައް ދިނުމަށެވެ. އަދި މާލެ ފިޔަވާ އެހެން ސަރަހައްދުތަކުގައާއި އަތޮޅުތެރޭގައި އެ ހަރަކާތް ހިންގުމަށް ކުރި ހަރަދު ވަކިން އެނގޭނެހެން ހާމަ ކުރުމަށެވެ.

ޖަވާބުގައި މިނިސްޓަރ ހީނާ ވިދާޅުވީ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލެ ނޫން އެހެން އެއްވެސް ތަނެއްގައި ހަރަކާތްތައް އެ މިނިސްޓްރީން ހިންގާފައި ނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މި ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމުލަ ހަރަދުވެފައި ވަނީ 4.1 މިލިޔަން ރުފިޔާ،" ހީނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޖުމްހޫރީ މައިދާން ވެސް 15 ދުވަހަށް ބަންދުކޮށް ވަރަށް ބޮޑަށް ޒީނަތްތެރިކުރި އެވެ. އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ސަރުކާރުން ބޮޑު ހަރަދެއް ކުރިއެވެ.

އެގޮތުން، މާލެ ސަރަހައްދު ވަށައިގެން އެކި ދިމަދިމާލުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންދިޔުން ހިމެނެ އެވެ. ނަމަވެސް، އެ ޑްރޯން ޝޯ ބޭއްވުމާއި ހަވާ އެރުވުމުގެ ހަރަދު ކުރީ ހެރިޓޭޖު މިނިސްޓްރީއަކުން ނޫނެވެ.

ކޮމެންޓް