
މިކަމާ ގުޅިގެން މީޑިއަމް ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ، ސަލާމަތީ މުއައްސަސާތަކުގައި ބޭނުންކުރާ ނަންނަމަކީ ހަމައެކަނި އިދާރީ ނަމެއް ނޫން ކަމަށާއި، އެއީ އެ މުއައްސަސާއަކަށް ލިބިދޭ ބާރާއި، މެންޑޭޓާއި، އަދި މަސްއޫލިއްޔަތު ރަމްޒުކޮށްދޭ އެއްޗެއް ކަމަށެވެ.
"ގައުމުގެ ސަލާމަތީ މަންޒަރު، ދައުލަތުގެ ވެރިންނަށް ބުނެދިނުމުގައި އިންޓެލިޖެންސް މަސައްކަތްކުރާ ވަކިވަކި މުއައްސަސާތައް ނުހަނު މުހިއްމުވާއިރު، ފުލުހުންގެ އިންޓެލިޖެންސްގެ ނަން (ނެޝަނަލް އިންޓެލިޖެންސް ސަރވިސް) އަށް ފުލުހުން އަމިއްލައަށް ބަދަލުކުރުން ގޯސް," ކުރިން ފުލުހުންގެ އިންޓެލިޖެންސް އެންމެ އިސް ވެރިއަކަށްވެސް ހުންނެވި ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް "ނޭޝަނަލް" ނުވަތަ ގައުމީ ފެންވަރުގެ ހިދުމަތަކަށް ރީބްރޭންޑް ކުރި ނަމަވެސް، ރާއްޖޭގައި ގައުމީ ފެންވަރުގެ އިންޓެލިޖެންސް އިދާރާއެއް އުފައްދާނެ ގާނޫނީ އޮނިގަނޑެއް ނެތެވެ.
ގައުމީ އިންޓެލިޖެންސް އިދާރާއެއް އުފެއްދޭނީ ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލަކުން ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ގާނޫނެއްގެ ދަށުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޑިމޮކްރެޓިކް ބެލެނިވެރިކަމެއްގެ ތެރެއިން ކަމަށް ބްލޮގްގައި ހަމީދު ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ މިފަދަ ގާނޫނީ އަސާސެއް ނެތް ނަމެއް ބޭނުންކުރުމުން އެތެރޭގެ ސަލާމަތީ ބާރުތަކުގެ މެދުގައާއި، ބޭރުގެ ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ކުރެވޭ ސަލާމަތީ މުއާމަލާތްތަކުގައި ބޮޑެތި އޮޅުންބޮޅުންތަކެއް އަރާނެ ކަމަށެވެ.
"އާދައިގެ އިދާރީ ހިންގުމެއްގައި ނަމަށް އަންނަ ބަދަލަކީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ސަލާމަތީ ދާއިރާގައި ނަންތަކަކީ ބާރާއި ނުފޫޒު އެކުލެވޭ އެއްޗެކެވެ. އެ ނަންތަކުން ރަމްޒުކޮށްދެނީ ބާރުތަކާއި، މެންޑޭޓާއި، މަސްއޫލިއްޔަތުގެ ދާއިރާއެވެ." ހަމީދު ލިޔުއްވާފައި ވެއެވެ.
ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ވަކި މުއައްސަސާއެއްގެ އެކަނި މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް، އަދި އިމިގްރޭޝަން ފަދަ އިދާރާތަކަކީވެސް ގައުމީ ސަލާމަތަށް ބޭނުންވާ މައުލޫމާތު އެއްކުރާ މުއައްސަސާތައް ކަމަށެވެ.
ވަކި އެއް މުއައްސަސާއަކުން އަމިއްލައަށް ގައުމީ މުއައްސަސާއެއްގެ ޖާގަ ހޯދަން އުޅުމަކީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ކޯޑިނޭޝަން ގެއްލި، ނޭދެވޭ ވާދަވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ހަމީދު ވިދާޅުވި އެވެ.
"އެއްވެސް މުއައްސަސާއަކަށް އެކަނި މުޅި ތަސްވީރު ފުރިހަމައަކަށް ނުފެންނާނެއެވެ. ކުށްކުރުމާއި، ޓެރަރިޒަމާއި، މަސްތުވާތަކެއްޗާއި، ސައިބަރ ނުރައްކާތަކާއި، ބޭރުގެ ނުފޫޒުތަކާއި، ބޯޑަރުގެ ނުރައްކާތަކާއި، ކަނޑުގެ ސަލާމަތާއި އަދި އާންމު ނިޒާމާ ގުޅޭ ކަންބޮޑުވުންތަކަކީ ހަމައެކަނި އެއް އިދާރާއެއްގެ ތެރެއަށް ފެތޭ ކަންކަމެއް ނޫނެވެ. މިއީ ހުރިހާ މުއައްސަސާތަކެއްގެ ދާއިރާތަކާ ގުޅިފައިވާ ކަންކަމެވެ."
ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހުރިހާ ބާރުތަކެއް ގުޅިގެން މަސައްކަތް ކުރާނެ "ގައުމީ އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް" ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، އިންޓެލިޖެންސްގެ ގާބިލުކަމާއި އަގުވަޒަންކުރުން ބިނާވަނީ ބޮޑު ނަމެއް ކިޔުމުން ނޫން ކަމަށާއި، އެއީ މަސައްކަތުގެ ފެންވަރާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ހޯދަންޖެހޭ އިތުބާރެއް ކަމަށެވެ.
އެހެންކަމުން، ގައުމީ ސަލާމަތާ ގުޅޭ ހާއްސަ ގާނޫނެއް ވުޖޫދަށް އަންނަންދެން ފުލުހުންގެ އިންޓެލިޖެންސް ކުރިން އޮތް ނަމުގައި ބޭއްވުމަކީ ބުއްދިވެރި ކަމެއް ކަމުގައި ހަމީދު ވިދާޅެފައިވެ އެވެ.




