
އިންޑިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި މި އަންހެން މީހާއަކީ އުމުރުން 25 އަހަރުގެ ސާމިނާ އާސިފް އިނާމްދާރު އެލިއާސް ސާމިނާ އަޔޫބް ޕަތަން ނަމަކަށް ކިޔާ އަންހެނެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އަމިއްލަ ކުންފުންޏެއްގެ މުއައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސާމިނާ ވަނީ އެ ސިޓީގެ ފުލުހުންގެ މުއައްސަސާއާ ގުޅުމަށް ވަރަށް އުންމީދާއެކުގައި، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސާމިނާއަށް އެކަން ހާސިލުވާގޮތް ވަނީ ނުވެފައެވެ.
ސާމިނާ ހައްޔަރުކުރި އިރު އޭނާ ލައިގެންހުރި ޔުނީފޯމާއެކުގައި ނަގާފައިވާ ފޮޓޯ އެއް ދައުރުކޮށް 'ފޭކް ލޭޑީ ސިންގަމް' ގެ ނަމުން މީސްމީޑިއާގައި އޭނާއަށް މިހާރު މުހާތަބުކުރަމުން އަންނައިރު، އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސާމީނާ ލައިގެން ހުރީ، ރޭންކް ސްޓާސް ފުރިހަމަކޮށްފައިވާ ޕީއެސްއައި (ފުލުހުންގެ މަތީ މަގާމެއް) ގެ ޔުނީފޯމެކެވެ.
'ފޭކް ލޭޑީ ސިންގަމް' ގެ ނަމުން އިންޑިއާގައި މުހާތަބުކުރަނީ، ފުލުހުންގެ ޔުނީފޯމާއި، ބެޖް ޖަހައިގެން އާންމުންނަށް އޮޅުވާލުމަށް ނުވަތަ މީހުންނަށް ބިރުދައްކައިގެން ކަންކަމުގެ ނާޖާއިޒް ފައިދާ ނެގުމަށްް ގަވާއިދާ ހިލާފަށް އުޅޭ އަންހެނުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.
އަދި އެ ޔުނީފޯމުގައި، ޕޫނޭގެ ކޭމްޕް ސަރަހައްދުގައި ހުންނަ ކްލިނިކަކަށް ވެސް އޭނާ ގޮސްފައިވާއިރު، އެތަނަށް އޭނާ ދިއުމުން ފުލުހެއްކަމަށް ހީކޮށް އެ ހޮސްޕިޓަލުން އޭނާއަށް ވަނީ އެންމެ އަވަސް ހިދުމަތް ދީފާކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ސާމިނާ އަކީ ފޭކު ޕޮލިހެއްކަން ޝައްކު އުފެދުނީ، އެވަގުތު އެ ކްލިނިކް ހުންނަ ސަރަހައްދުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ތެރޭގައި އިސްކޮށް ހުރި މަހޭޝް ޝިންޑޭ ނަމަކަށް ކިޔާ ޕީއެސްއައި ފުލުހަކަށް އޭނާ ފެނުމުން އޭނާ ކުއްލިއަކަށް އުޅުނު ވައްތަރަކުން ކަމަށް މީޑިއާތަކުން މައުލޫމާތު ދެއެވެ.
ޕޫނޭގެ ފުލުހުން މިހާރު އަންނަނީ މި މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެެއެވެ.




