
އެތައް ސަތޭކަ ދަރިވަރުންނަކާ އެކުގައި މިއަދު ފެށި ސީދާ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، އިންޑިއާގެ ބޮޑެތި އިމްތިހާނުތަކުގައި ފެންމަތިވެފައިވާ ސީރިއަސް މައްސަލަތަކާ ގުޅުވައިގެންނެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ ގެ އިންވެރިންނަށް ހަޖޫޖެހުމުގެ ގޮތުން ސޯޝަލް މީޑިއާގައި އުފެއްދި ކުރަފި ޕާޓީގެ ފުރަތަމަ މުޒާހަރާގެ ވީޑިއޯތަކުން ފެންނަގޮތުން، ކަރުދާހުން ހަދާފައިވާ "ކުރަފި މާސްކް" އަޅައިގެން އަދި ލީފްލެޓްތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ، އިމްތިހާނުތަކުގައި ދިމާވި ޓެކްނިކަލް މައްސަލަތަކާއި، އިމްތިހާނުތަކުގެ ޕޭޕަރު ލީކުވުން ފަދަ ކަންތައްތަކެއް ހިނގާފައި ވާތީ، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާދިނުމަށް ގޮވާލައިފައި ވެއެވެ.
ބޮސްޓަން ޔުނިވާސިޓީން ގްރެޖުއޭޓްވެ އެމެރިކާގައި ދިރިއުޅޭ، އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ މި މުޒާހަރާ އިސްވެ ހިންގާފައި ވާއިރު، "ކޮކްރޯޗް ޖަންތާ ޕާޓީ" (CJP)، އަކީ ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (BJP) ގެ ނަމަށް ނިސްބަތްކޮށް ހަދާފައިވާ އަބީޖީތު އިސްވެ ހުންނަވާ ސޯޝަލް މީޑިއާގައި އުފައްދާފައިވާ ޕާޓީއެކެވެ.
މި ހަރަކާތް އުފެދެން މެދުވެރިވީ، ކޯޓު އަޑުއެހުމެއްގެ ތެރޭގައި އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު، ސަރުކާރަށް ފާޑުކިޔާ ޒުވާނުންނަކީ "ކުރަފި" އަދި "ޕެރަސައިޓް" (parasites) ތަކެއްގެ ގޮތުގައި ސިފަކުރެއްވުމުން ޒުވާނުންގެ މެދުގައި ނުރުހުން އުފެދުމުންނެވެ.
އިންސްޓަގްރާމްގައި ވެރިކަންކުރާ ބީޖޭޕީގެ 9 މިލިއަން ފޮލޯވަރުންނާއި އިދިކޮޅު މައި ކޮންގްރެސް ޕާޓީގެ 13 މިލިއަން ފޮލޯވަރުން ތިބިއިރު، ކުރަފި ޕާޓީ، ސީޖޭޕީގެ އިންސްޓަގްރާމް އެކައުންޓުގައި 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން މިހާރު އެބަތިއްބެވެ.




