އެއްމިލިޔަން ވަނަ ޓޫރިސްޓަކަށް ހޮވުނު ސްޕެއިންގެ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އާއި އޭނާގެ ފިރިމީހާ އަށް މަރުހަބާ ކިޔުން.-
އެއް މިލިޔަން ވަނަ ޓޫރިސްޓަކަށް ސްޕެއިންގެ ރައްޔިތެއް
ހަސަން އިބްރާހީމް 20 ޖޫން 2026 (ހޮނިހިރު)   22:22
ރާއްޖެ އަށް މި އަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ސްޕެއިންގެ ރައްޔިތަކު ހޮވިއްޖެ އެވެ.

އެއް މިލިޔަން ވަނަ ޓޫރިސްޓުގެ ޝަރަފު ހާސިލްކުރި އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އޭނާގެ ފިރިމީއާ އެކު މިއަދު ރާއްޖެ އައީ ވ.ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ޒިޔާރަތެވެ.

މި އަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި އެއް މިލިޔަން ޓޫރިސްޓު ހަމަވިއިރު މިދިޔަ އަހަރު އެއް މިލިއަން ހަމަވީ ޖޫން މަހުގެ ކުރީ ކޮޅުގަ އެވެ.

ގަތަރު އެއާވޭސް އިން ރާއްޖެ އައި އެއް މިލިޔަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ފަހު ވެސް މި އަހަރުގެ އެއް މިލިޔަން ވަނަ ޓޫރިސްޓް މި ޖޫން މަހު ހަމަވުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި ތިން ވަނަ ކުއާޓާއާ ހަމައަށް ދާއިރު ޓޫރިޒަމްގެ މި އަހަރުގެ އަމާޒަށް ކައިރިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި އިންޑަސްޓްރީ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އިތުރު އެއާލައިންތައް ގެނައުމަށް ވަރަށް ގިނަ މަސައްކަތް އެބަކުރަން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރި އަސަރު ފޫބެއްދުމަށް އިތުރު ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށާއި ކުރިމަގުގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިލިޔަނަކަށް ވުރެ މަތިވެފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް 5 ޕަސެންޓް ދަށް އަދަދެކެވެ. މި ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 17 ޕަސެންޓް ދަށެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިޔަން ޓޫރިސްޓުން ގެނައުމެވެ.

ކޮމެންޓް