އެއާ އިންޑިއާގެ ފްލައިޓެއް ރާއްޖޭގައި
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުން، ޓޫރިޒަމް މާކެޓަށް ބޮޑު ލޮޅުމެއް
މަރްޔަމް މުޙައްމަދު 2 ޖޫން 2026 (އަންގާރަ)   14:16
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ އިންޑިއާގެ، ގައުމީ އެއާލައިން އެއާ އިންޑިއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

1976 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ދަތުރުތައް ފަށާފައިވާ، ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން މިކަމާގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންޑިއާގެ ނިއުދިއްލީއާއި މާލެއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖެއަށް ދަތުރުކުރާ އެންމެ ގިނަދުވަސްވީ އެއް އެއާލައިން އެއާ އިންޑިއާއިން ބުނީ، މި ބަދަލުތައް ގެންނަންޖެހުނު މައިގަނޑު ސަބަބަކީ، ޖެޓް ފިއުލްގެ އަގު އުފުލިގެން ދިއުމާއެކު، ބައެއް މަންޒިލްތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮންނަ އޮތުން ދިގުލައިގެން ދިއުން ފަދަ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

މިދިޔަ މަހު ގެނައި މި ބަދަލުތަކުގެ ސަބަބުން ބައެއް ދަތިތައް ދިމާވާނެ ކަމަށް އެއާ އިންޑިއާއިން ބުނި ނަމަވެސް ކޮންމެ މަހަކު ބޭރުގެ މަންޒިލްތަކަށް އެއާ އިންޑިއާގެ 1،200 ފްލައިޓް އުދުއްސާނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ދީފައި ވެއެވެ.

އެއާ އިންޑިއާއިން ވަނީ، ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން އިންޑިއާގެ ޗެންނާއީން ސިންގަޕޫރަށް ކުރާ ދަތުރުތަކާއި، އެމެރިކާގެ ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައް އަދި، ނިއުދިއްލީއާއި ޗައިނާގެ ޝަންހާއީއާ ދެމެދު ކުރާ ދަތުރުތަކާއި، ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް ވެސް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލައިފައެވެ.

އެހެން ނަމަވެސް، އިންޑިއާގެ ނިއުދިއްލީން، އަދި މުމްބާއީން ސިންގަޕޫރަށް ކުރާ ދަތުރުތައް ހިމެނޭހެން، ގިނަ މަންޒިލްތަކަކަށް އެއާ އިންޑިއާއިން ކުރާ ދަތުރުތައް ވަނީ މަދުކޮށްފައެވެ.

އެހެންކަމުން މި ބަދަލުތަކުގެ ސަބަބުން ދަތުރުވެރިންނަށް ބައެއް ދަތިތަކާ ކުރިމަތިވާނެ ކަމަށާ، އަދި މިއީ އިންޑިއާ މާކެޓަށް ބަރޯސާވަމުން އަންނަ ފަތުރުވެރި ގައުމުތަކުގެ ޓޫރިޒަމަށް އަންނާނެ ބޮޑު ލޮޅުމެއް ކަމަށް ވެސް އެއާ އިންޑިއާއިން ބުންޏެވެ.

ކޮމެންޓް