ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ސިނގިރޭޓު އަގު ހެޔޮކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ޖުނާން އަޙުމަދު 29 ޖޫން 2026 (ހޯމަ)   13:11
ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސިނގިރޭޓަކުން 8 ރުފިޔާ ޑިއުޓީ ނަގާގޮތަށް މި ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑުކުރުމަށްފަހު، އެ އަގު 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ބިލު ހުށަހެޅީ 22 ޖޫން ގައެވެ. 24 ޖޫން ގައި ބިލަށް ބަހުސްކޮށް ބިލު ބަލައިގަންނަން ފާސްކުރިއެވެ. އަދި އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ކުރިއަށް ގެންދަން ރިޔާސަތުން ނިންމިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ބިލަށް އިތުރު އިސްލާހެއް ނުގެނެސް ބިލު ހުށަހެޅި ގޮތަށް ފާސްކުރުމަށެވެ. މިގޮތަށް އެ ކޮމިޓީން ނިންމީ ކޮމިޓީގައި ވޯޓުދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ. އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް ވާއިރު، މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް) ނަގާ ޑިއުޓީ 4 ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވެސް ހުށަހަޅާފައި ވެއެވެ.

އަދި އިސްލާހުގައިވާ އަނެއް ބަދަލަކީ، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށް ބަޔާންކޮށްފައި ވާއިރު، ދުންފަތް ހުއްޓާލަން އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށެވެ.

ނަމަވެސް އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ކަމަށެވެ.

ކޮމެންޓް