
އިއްޔެ މަޖިލީހުން ފާސްކޮށް، މިއަދު ތަސްދީގު ކުރި ބިލުގައި އޮތީ ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާ ގޮތަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނު އިސްލާހު ކުރުމަށެވެ. މި ބަދަލާއެކު މީގެ ކުރިން، ސިނގިރޭޓު އަގުބޮޑު ކުރުމުގެ ކުރިން ސިނގިރޭޓުގެ ބާވަތްތައް ވިއްކަމުންދިޔަ އަގަށް ގާތްގަނޑަކަށް އޭގެ އަގު ތިރިވާނެއެވެ.
ސިނގިރޭޓުގެ އަގުބޮޑު ކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކޮށް، ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024، ގަ އެވެ. މި ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އަދި، އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރިއެވެ.
ނަމަވެސް، މިއަދު ތަސްދީގުރި އިސްލާހުގައި އޮތީ ދުންފަތުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެއެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ.
އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެއެވެ.
ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމުން، އެ ބާވަތްތައް ވަގަށް އެތެރެކުރުމުގެ ފޯވައްސެއް ފެށުނެވެ. އަދި ބައެއް ފަރާތްތަކުން ސިނގިރޭޓްގެ ބަދަލުގައި ބިޑި އޮޅައިގެން ބިޑި ބޯން ފެށިއެވެ.




