
ރާއްޖޭގެ ދެކުނާއި އުތުރުގެ ބައެއް ހިސާބުތަކަށް ދަތުރުކުރުމަށް ކުރަންޖެހޭ ހޭދަ، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާ އެއްވަރުވެ، އެތެރޭގެ އުދުހުންތަކުގެ އަގު މާބޮޑަށް މައްޗަށް ދިޔުމަކީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އެކަމަށް އޮތް ކަމަކަށް ވާއިރު، ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި އެންމެބޮޑަށް ދެއްކެވި އެއް ވާހަކައަކީ ރާއްޖޭގެ އެތެރޭގެ އަގުތަށް ތިރިކުރުމުގެ ވާހަކަ ކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް އޭރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އެއާޕޯޓުތައް ގިނަކަމުގައި ވީނަމަވެސް، އެ ތަންތަން ގެއްލުމުގައި ހިންގަން ޖެހުމާއި ދަތުރުކުރާ މީހުންގެ އަދަދު މަދުވުމަކީ އެތެރޭގެ އުދުހުމުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެތެރޭގެ އުދުހުންތަކުގެ އަގުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގުމުގައި ހުރި ދަތިތަކުގެ ހިއްސާކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި މޯލްޑިވިއަނަށް މިހާރު ވެސް ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު އަދި ރައްކާތެރިކަމުގެ ގޮތުން އެންމެ ރަނގަޅު އޭޓީއާރް މަރުކާގެ ބޯޓުތައް ކަމަށް ވީނަމަވެސް އެ ބޯޓުތައް އޮޕަރޭޓްކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަމަށެވެ.
އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަގުތައް 30 އާއި 40 އިންސައްތައަށް އުފުލިފައިވީ ނަމަވެސް، ރައީސް މުއިއްޒުގެ ނިންމެވުމާއެކު ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ރައްޔިތުންނަށް އެ ބުރަ ނުޖައްސައި، އަގުތައް އެއްވަރެއްގައި ހިފަހައްޓާފައި ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.




