
ހަނިމާދޫ އެއާޕޯޓަކީ ދުރު މަންޒިލްތަކުން ދަތުރުކުރާ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވާ ފައްޔާޒް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު މުހައްމަދު އަމީން އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންގާރަދުވަހު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ހަނިމާދޫ އެއާޕޯޓުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ވައިޑް ބޮޑީ އެއާކްރާފްޓް ނުވަތަ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރަން ބޭނުންވާނަމަ، އެތަން އަލުން ތަރައްގީކުރަންޖެހޭ ކަމަށެވެ.
އަމީންގެ އެ ވިދާޅުވުމަށް ރައްދު ދެއްވަމުން ފައްޔާޒް އެކްސްގައި ވިދާޅުވީ، އެއާޕޯޓުގެ ރަންވޭ ފަރުމާކޮށްފައިވަނީ އެއާބަސް "އޭ320" އަދި "ބޮއިންގް 737" މަރުކާގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށާ، އެހެންކަމުން އެއީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ސީދާ ދަތުރުތައް ކުރެވޭނެ ބޯޓުތަކެއް ކަމަށެވެ.
އަދި ޔޫރަޕާއި ޗައިނާ ފަދަ މަންޒިލްތަކުން އަންނަ ފަތުރުވެރިންނަށް ވެސް މި ގައުމުތަކުގެ އެއާޕޯޓުތައް މެދުވެރިކޮށް ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި ކަމަށާ، އެހެންކަމުން މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވެއްޖެނަމަ، ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ވެސް މިހާރު އޮތީ ކަނޑައަޅާފައި ކަމަށް ވިދާޅުވެ، ފައްޔާޒް ވިދާޅުވީ، މި މަޝްރޫއު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުތަކުގެ އަގު ވަނީ އުފުލިފައި ކަމަށެވެ.
އެހެންކަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސްގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާ ފުޅާކުރުމަށްޓަކައި އެ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އެޅި 2.46 ކިލޯމީޓަރުގެ ރަންވޭއާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލް މިހާރު ވަނީ ބޭނުންކުރަން ވެސް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
ހަނިމާދޫ އެއާޕޯޓުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ ޓާމިނަލަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީ ހުރި ތަނެކެވެ. މި ޓާމިނަލްގައި ޗެކިން ކައުންޓަރުތަކާއި ޑިއުޓީ ފްރީ ފިހާރަތަކުގެ އިތުރުން ކާގޯ ޓާމިނަލެއް ވެސް ހިމެނެއެވެ.




