
ބުރާސްފަތި ދުވަހު ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ވާގޮތުން "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި ކޮންމެ އަތޮޅެއްގައި އެ އިދާރާތައް އުފެއްދެވީ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
އަދި އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށް، އެ ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރު ފަހުކޮޅެވެ. އެއާއެކު މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ނުހޮވާއިރު، ނިމިދިޔަ ދައުރަކީ އަތޮޅު ކައުންސިލްގެ ފަހު ދައުރެވެ. އެއާއެކު ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނައީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.
ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ރުޖޫއަ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މެއި މަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު އޭރު ބޭރުކޮށްލި އެވެ.
އިއްޔެ އިއުލާންކުރި ނިންމުމާއެކު ސަރުކާރުން ބުނެފައިވާ ގޮތުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފެއްދުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 65ވަނަ މާއްދާގެ (ށ)ގެ 1ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.




