ފިނޭންސް މިނިސްޓްރީ ހިމެނޭ އޮފީސް އިމާރާތް
ހިއްސާ ވިއްކުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
ހަސަން އިބްރާހީމް 1 އޮކްޓޯބަރ 2026 (ބުރާސްފަތި)   16:00
"ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް"ގެ ނަމުގައި، ހިއްސާ ވިއްކުމަށް ސަރުކާރުން މިއަދު ކުންފުންޏެއް އުފައްދައިފި އެވެ.

ދެވަނަ ހިއްސާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ކަމަށް ބުނެ އުފެއްދި މި ކުންފުންޏާ ގުޅޭގޮތުން ރައީސް އޮފީހުން މައުލޫމާތު ދެނީ، އެ ކުންފުނި އުފެއްދީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހާއްސާ ބާރާއި އިހުތިޔާރުގެ ދަށުން ރައީސް މުއިއްޒުގެ ގަރާރަކުން ކަަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ހިއްސާގެ ބާޒާރެއް ކުރިއަށް ގެންދިއުމަށް އުފެއްދި މި ކުންފުންޏަކީ، ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

މިކުންފުނީގެ މަގުސަދުތައް ތިރީގައި އެވަނީއެވެ:

  • ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުން
  • ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިން ފެސިލިޓީތައް ގާއިމުކޮށް ހިންގުން
  • ދައުލަތުގެ ސެކިއުރިޓީޒް އާއި އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި ލިސްޓުކުރުމާއި މުއާމަލާތްކުރުމުގެ މަގުފަހިކޮށްދިނުން
  • ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީ އާއި، ކްލިއަރިން އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ހިދުމަތްތައް ފޯރުކޮށްދިނުން
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން މިއެވެ.

އެހެންކަމުން މި ބަދަލާއެކީ، ސަރުކާރުން ވިއްކާ ޓީބިލުތަކާއި ބޮންޑުތައް އަދި ސަރުކާރު ކުންފުނިތަކުގެ އިކުއިޓީގެ ތެރެއިން ސެކަންޑްރީ މާކެޓުގައި ވިއްކާ ސެކިއުރިޓީތައް ވިއްކާނީ މި އެކްސްޗޭންޖުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް