އަސްލު އޮޅޭގޮތަށް ބަންދުކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅުނު ބޭރުފައިސާތަކެއް.-- ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި
ހަސަން އިބްރާހީމް 12 އޮކްޓޯބަރ 2026 (ހޯމަ)   23:38
ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ބޭރު ފައިސާ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ފައިސާ އަތުލައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ އިންޑިއާގެ ފަސެންޖަރެއްގެ އަތުން ކަމަށެވެ. ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު އެ ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ގޮތަށް ނުވަ ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާއާ އެއްވަރުގެ އަދަދެއް ހިމެނެއެވެ.

ރާއްޖެއިން 10،000 ޑޮލަރަށް ވުރެ އިތުރު އަދަދެއް ބޭރު ކުރެވޭނީ އެ ފައިސާ ޑިކްލެއާ ކުރުމަށްފަހު އެވެ. ފައިސާ ޑިކްލެއާ ކުރާއިރު އެ ފައިސާ ހޯދި ގޮތް ބަޔާން ކުރަންޖެހޭނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރު ފައިސާ ބޭރު ކުރަން އުޅުނު މީހަކު ހުއްޓުވާފައި މި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުގައި ޑޮލަރު ވިއްކާ މީހުން ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ސަރުކާރުން ދަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އެހީތެރިވެދޭ ދިވެހިންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިޔަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފައެވެ.

ކޮމެންޓް