
ފުލުހުން ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ހުއްދަނެތި ބޭންކިން ހިދުމަތް ދިނުމާއި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށާ، އެ އޮޕަރޭޝަނުގައި ހަތަރު ބިދޭސިއަކާއި ދިވެއްސެއްގެ އިތުރުން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއިން އެއްވެސް މީހަކާމެދުގައި ފިޔަވަޅު އެޅިކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ ފުލުހުންގެ އިދާރާއި އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޮގަސްޓު މަހުގެ ފަހުކޮޅުން ފެށިގެން، ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ކަމަށް ބުނެ އެ ވިޔަފާރިކުރާ ބައެއް ތަންތަނުގެ ހުއްދަތައް ވެސް ހިފަހައްޓާ ބައެއްފަރާތްތައް ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.




