ބޭރު ފައިސާ ގަނެ ވިއްކާ ތަނެއް: ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އެ މުއާމަލާތް ހިންގަމުންދާ ފަރާތްތަކުގެ މައުލޫމާތު ލިބެމުންދާކަމަށް.--
ގަވައިދާ ހިލާފަށް ޑޮލަރު ވިޔަފާރިކުރި ތަނެއް 5 ލައްކައިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި
ހަސަން އިބްރާހީމް 18 އޮކްޓޯބަރ 2026 (އާދީއްތަ)   23:39
ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުން އައި ކުންފުންޏަކުން އެކަމާ ބެހޭ ގަވައިދާ ހިލާފުވުމުން 500،000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނި ގޮތުގައި މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވެގެން ޖޫރިމަނާކޮށް ލައިސަންސް ހިފެހެއްޓީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުފުންޏެކެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އެ ކުންފުންޏަށް ސުޕަވައިޒަރީ ފިޔަވަޅު އެޅީ މިއަދު އެވެ.

ރާއްޖޭގައި ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމާ އެކު ބޮޑު އަގުގައި، ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކުން ހުއްޓުވަން މަރުކަޒީ ބޭންކާއި ތަންފީޒީ އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ގަވައިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ މީހުން ހޯދަން ފަށާފައިވާ މަސައްކަތުގައި ބައެއް ތަންތަން ފާސްކޮށް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެފަދަ މުއާމަލާތްތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ގެނެސްފަ އެވެ.

ބޭރު ފައިސާގެ ވަގު ވިޔަފާރި އާއި ބޭރު ފައިސާ ސިއްރުން ބޭރުކުރަން އުޅުމުގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ކުރިއަށް އޮތްތާގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ވެސް އެމްއެމްއޭ އިން ދިނެވެ.

ގަވައިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ މީހުންނާއި ވިޔަފާރިތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ނަންބަރެއް ކަނޑައަޅާފައިވާއިރު، އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް ހާއްސަ ޓާސްކުފޯހެއް އެކުލަވާލައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް