ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މި ސަރުކާރުން ގެންގުޅުނު ޑޮލަރުގެ ހުރިހާ ސިޔާސަތުތަކެއް ފެއިލްވެއްޖެ
ރާއްޖެ ސަލާމަތްވީ ވެސް އިންޑިއާގެ އެހީތެރިކަމުގެ ސަބަބުން - ރައީސް ނަޝީދު
ހަސަން އިބްރާހީމް 19 އޮކްޓޯބަރ 2026 (ހޯމަ)   11:08
ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް މި ސަރުކާރުން އެކުލަވާލި ހުރިހާ ސިޔާސަތުތަކެއް ވެސް މުޅިން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި، ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް މައްޗަށް ކަމަށާ، ބޭންކް އެކައުންޓްތަކުގައި ދިވެހި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރުކުރެވޭނެ އެއްވެސް މަގެއް މިހާރު ނެތް ކަމަށެވެ.

އެހެންކަމުން، އެ ކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދަރިންނަށް ކިޔަވައިދޭން ތިބި އާއިލާތަކަށާއި، ރާއްޖޭގެ އާންމު ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެ، ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިގުތިސޯދީ ނާޒުކު ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖެ މާލީ ގޮތުން ޑިފޯލްޓްވުމުން (ދަރަނި ނުދެއްކި ބަނގުރޫޓުވުމުން) މިފަހަރު ސަލާމަތްވީ ހަމައެކަނި އިންޑިއާއިން ދިން ކަރަންސީ ސްވޮޕް އެއްބަސްވުން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ކަމަށެވެ.

އެހެން ނަމަވެސް، ގައުމުގެ ހާލަތު މިފަދަ ނާޒުކު ފާލެއްގައި އޮއްވައި، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަން ނިންމެވުމުން ނަޝީދު ވަނީ އެކަމަށް ސުވާލު އުފައްދަވާފައެވެ.

"ސަރުކާރުން ޔޫއެސްޑީ ހޯދަން ގެނައި ހުރިހާ ސިޔާސަތެއް މިވަނީ ފެއިލްވެފައި، މި މަހު ރާއްޖެ ޑިފައުލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވެޕް، އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން." - ނަޝީދު

އިންޑިއާއިން ދާދިފަހުން ވަނީ އެމްއެމްއޭއާއެކު ވެފައިވާ 30 ބިލިއަން އިންޑިއަން ރޫޕީގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފައެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ ސަރުކާރުގެ މާލީ އިސްލާހީ ސިޔާސަތުތަކުގެ ސަބަބުން ބާޒާރުގައި ޑޮލަރު ލިބުން އިތުރަށް ތާށިވެ، ބްލެކް މާކެޓްގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލެމުންދާ ކަމަށެވެ.

ކޮމެންޓް