މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮހެވެ. އޭނާއަށް އެ ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް އަރާފައި ހުއްޓެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރީ، ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. މިދިޔަ ސެޕްޓެމްބަރު މަހު މައްސަލައިގައި ޝަރީއަތް ފެށިއިރު، ޝަމީމް ވެސް ހެކިބަސް ދެއްވާފައިވެ އެވެ.
ހަތް މީހުންގެ މައްޗަށް ވެސް ހުކުމްކޮށްފައި ވަނީ ކުށް ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ.
ހުކުމްގައި ބުނީ، އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައިވެ އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
ހުކުމްގައި ބުނީ:
- ވީޑިއޯގެ ޓައިމްލައިން ދިމާކުރުމުގައި ފާޅުކަން ބޮޑު ފަރަގެއް ހުރިކަން އެނގިފައިވާއިރު އެކަމަށް ސަމާލުކަން ނުދީ އެކަން ހިނގި ސަބަބު ޝަރީއަތަށް ސާފުކޮށްދީފައިނުވާ ކަމަށް
- ހެއްކަށް ބާރުލިބޭ އިތުރު ހެކި ނެތި ހަމައެކަނި އެ ހެކީގެ މައްޗަށް ބިނާކޮށް މި ފަރަގު އޮވެ ދައުވާ ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް
- ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް
ހުކުމްގައި ބުނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށެވެ.
"މިކަން ކުރިން އެނގި މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ޝަރީއަތަށް ސާފުވާ މިންވަރަށް ހެކި ހުށަހެޅުނު ނަމަ، މި މައްސަލައިގެ ނިންމުން ތަފާތުވީހެވެ." ހުކުމްގައިވެ އެވެ.