ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރުން ވޯޓު ދެއްވާފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 11 މެންބަރުން ތިއްބެވި އެވެ.
މި ބިލުން ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި، ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުން ހިމެނެއެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް މި ބިލުން ވަނީ ދީފަ އެވެ.
މިބިލުގައި ބަޔާންކޮށްފައިވާގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މި ބިލު ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ގެޒެޓްގައި ޝާއިއުކުރެއްވުމުންނެވެ.