ރައީސް މުއިއްޒު އަދި މިރޭ އުފެއްދެވި ކޮމިޝަންގެ ރައީސް މުނައްވަރު - ފޮޓޯ: ޕީޕީއެމް ސޯޝަލް މީޑިއާ
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސްގެ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
ތިން މެނަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖެއްސެވީ ޑރ.މުނައްވަރު
ޖުނާން އަޙުމަދު 27 އޭޕްރީލް 2025 (އާދީއްތަ)   01:54
މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ. ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އެމަނިކުފާނުގެ ހާއްސަ ގަރާރަކުން އުފެއްދެވި މި ކޮމިޝަންގެ ބޭނުމަކީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެ ހާދިސާގެ ޙަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަކީ ވެސް މި ކޮމިޝަންގެ މަގުސަދުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވެއެވެ.

ކޮމިޝަނުގެ މެންބަރުން:

  • ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ

މި ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ. އެބޭފުޅާ އަކީ، މި ސަރުކާރަށް ނުފުއްދުނު ވައުދެއް ކަމަށްވާ، ރާއްޖޭގެ ކަނޑުން ގެއްލުވާލާފައިވާ ބައެއް ހޯދުމުގެ މަސައްކަތަށް ރައީސް މުއިއްޒު އުފެއްދެވި ކޮމިޝަނަކަށް 2024 ވަނަ އަހަރުގެ ޖަނަވަރީ 25 ވަނަ ދުވަހު ވެސް އައްޔަން ކުރެއްވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. 

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތިރީގައި މިވަނީއެވެ:

(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛

(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން.

(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން.

(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން.

(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.

(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި، އެނޫން ވެސް މަޢުލޫމާތު ހޯދުން.

ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރުއްވި ގަރާރު، ނަންބަރު 11/2025 ބަޔާންކޮށްފައި ވަނީ، މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމަށެވެ.


ކޮމެންޓް