ޝުއޫރު ފާޅުކުރުމުގެ ގޮތުން ތަފާތު ބެނާތަކާއެކު މިރޭގެ މުޒާހަރާ ވެސް ކުރިއަށް ގެންދާއިރު "ދުލެއް ނުކުރާނަން" މިނަމުގައި ޔުމްނުއަށް އިންސާފަށް އެދި ޒުވާނުން، މުޒާހަރާ ކުރާތާ މިރެއަކީ ދިހަވަނަ ރެއެވެ.
ރޭގެ މުޒާހަރާ މަޖީދީމަގުގައި ހުންނަ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ސަރަހައްދުގައި ކުރިއަށް ގެންދަނިކޮށް ފުލުހުން ވަނީ އިންޒާރު ދިނުމަކާ ނުލައި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ކުރަންތިބި މީހުންގެ ތެރެއަށް ވަދެގަނެ، މުޒާހަރާ ކުރަން ތިބި މީހުން ގަޔަށް ޕެޕަސްޕްރޭ ޖަހައި އަޑުގަދަ ކުރަން އެމީހުން ގެންގުޅުނު ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އަދި ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނުން ކަމަށްވާ ޝިމަން އާއި މަހްޒޫމް ހައްޔަރުކުރިއެވެ. މިއަދު ވަނީ އެ ދެ މީހުން 3 ދުވަހަށް ހައްޔަރުކޮށްފައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައެވެ.
މިރޭ އިރާކޮޅު ފުލުހުން ދިން އިންޒާރާއެކު، ކާނިވާ ސަރަހައްދުގައި ޒުވާނުންގެ މުޒާހަރާ ކުރިއަށްދާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަދި ޑިމޮކްރޭޓްސް ވަނީ މުޒާހަރާ ކުރާ ޒުވާނުންނާ ގުޅިފައެވެ.
މިރޭގެ މުޒާހަރާގައިވެސް އެ ޒުވާނުންގެ ފަރާތުން މިހާރު ސަރުކާރަށާއި ފުލުހުންނަށް ކޮށްފައިވާ ޑިމާންޑްތައް މިރޭވެސް ގެންދަނީ ތަކުރާރު ކުރަމުންނެއެވެ.
ޒުވާނުން ކޮށްފައިވާ 10 ޑިމާންޑަކީ:
ޔުމްނު އަށް އިންސާފު ހޯދައިދިނުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށާއި ފުލުހުންގެ އިސްވެރިން ވަނީ ކަންކަން އޮޅުވާލައި ހެކި ފޮރުވަން މަސައްކަތް ކޮށްފައި ކަމަށް ޒުވާނުން ބުނަމުންދާ ބުނުންތައް މިރޭ ވެސް އަންނަނީ ތަކުރާރު ކުރަމުންނެވެ.
އެހެންކަމާއެކު، ހޯމް މިނިސްޓަރު ޢަލީ އިޙުސާން ގެ އިސްތިއުފާއަށް ތަކުރާރުކޮށް ޒުވާނުންދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން އެ ހާދިސާއާ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނުއާ ގުޅުން ވާކަމަށް ތުހުމަތުކޮށް އޭނާގެ އިސްތިއުފާއަށް ވެސްދަނީ ގޮވަމުންނެވެ.
ޒުވާނުން ކުރިންކުރި ޑިމާންޑުތަކުގެ އިތުރުން މިހާރު ހައްޔަރުކޮށްފައި ތިބި ޝިމަން އާއި މަހްޒޫމް ވަގުތުން ދޫކޮށްލުމަށާއި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް މުޒާހަރާގައި މިހާރު ގޮވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.