
މިއަދު ވަނީ ނ. އަތޮޅުގެ 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފައެވެ. އޭޓީއެމްގެ ހިދުމަތް އަލަށް ތައާރަފް ކުރީ ހެނބަދޫ، ލަންދޫ، ކުޑަފަރި، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައެވެ.
ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮތްއިރު އޭގެ ތެރެއިން 6 ރަށުގައި އޭޓީއެމްގެ ހިދުމަތް ކުރިންވެސް ލިބެއެވެ. މިއަދު އަލަށް އޭޓީއެމް ހިދުމަތް ދޭންފެށި 7 ރަށާއެކު މުޅި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް މިހާރު ލިބޭނެއެވެ.
އެކަމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ނ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ގާއިމްކުރެވުމާއެކު، އެ ލިބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫން. މުޅި އަތޮޅަށް ވެސް ލިބުނު އުފަލެއް. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތް ގާތުން ފޯރުކޮށްދީ، ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެން ވެސް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް،" ޝަރީފް ވިދާޅުވިއެވެ.
މިއަދު ނ.އަތޮޅުގެ ހަތް ރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ވަޑައިގެންނެވި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދެއްކެވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަނީ.--
މިނިސްޓަރު ސައީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރައްވާ މުހިންމު މަސައްކަތެއްކަމަށެވެ. މި މަޝްރޫޢުގެ ތެރޭގައި އާބާދީ ކުޑަ ރަށްތައްވެސް ހިމެނިފައިވުމަކީ މިކަމަށް ރައީސް ދެއްވާ އަހަމިއްޔަތުކަން ހާމަވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިހާތަނަށް ގިނަ ރަށްރަށުގެ ރައްޔިތުން ބޭންކުން ފައިސާ ނަގަން ޖެހެނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެން. މިސާލަކަށް ނ. އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން މަނަދޫ ނުވަތަ ކެނދިކުޅުދޫއަށް ދަތުރުކުރަން ޖެހޭ. ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މިފަދަ ދަތުރުތަކުގައި ލޯންޗު ޚަރަދަށް އެކަނި ގާތްގަނޑަކަށް 1200 ރުފިޔާ ޚަރަދުވޭ." ނ. ކުޑަފަރީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ނ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމް ހިދުމަތް ލިބުނުކަން ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ބީއެމްއެލް އާ ހަވާލާދީ ތަފާސްހިސާބު ތަކެއްވެސް ހިމަނުއްވާފައެވެ.
"ބީއެމްއެލް އިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ދެމަހެއްހާ ދުވަސް ކުރިން ދ.އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމް ތަކަށް މިދިޔަ އޭޕްރިލް މަހުގެ ނިޔަލައް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައި. އެއީ 2،000 އަށްވުރެ ގިނަ މުއާމަލާތް.. ހަމައެފަދައިން، ބީއެމްއެލްއިން މަޢުލޫމާތު ލިބިފައިވާގޮތުގައި، ހއ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށްވަނީ 8،000 މުއާމަލާތް ހިންގާފައި. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27،000 މުއާމަލާތް ކުރެވިފައި. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތް މިގޮތުން އޭޕްރިލްގެ ނިޔަލަށް މާލެ ފިޔަވާ އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240،000 މުއާމަލާތް ކޮށްފައިވޭ. މިއީ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް." މިނިސްޓަރު ސައީދު ފާހަގަކުރައްވާފައި ވެއެވެ.
ބީއެމްއެލް އިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 114 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 172 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ބޭންކުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.




