ބީއެމްއެލް އޭޓީއެމް އެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިން.-- ފޮޓޯ: ބީއެމްއެލް
ލޯނު ދޫކުރަނީ ބޯޑުން މިނިވަންކަމާއެކު ނިންމާ ނިންމުމުގެ ދަށުން
އަމިއްލަ ބައެއް ކުންފުނިތަކަށް ފައިސާ ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް: ބީއެމްއެލް
މަރްޔަމް މުޙައްމަދު 26 ނޮވެމްބަރ 2025 (ބުދަ)   13:23
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތް ނޫން ކަމަށް ބީއެމްއެލްގެ ތަރުޖަމާން މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމެއް އަދި ވާދަކުރުމުގެ ފުރުސަތެއް ނުދީ، ސަރުކާރުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭ ގޮތަށް މާއްލިއްޔަތު ގަވާއިދު ބަދަލުކޮށް، 53 ކުންފުންޏަކަށް 206 ޕްރޮޖެކްޓް ހަވާލުކޮށް، އެ ޕްރޮޖެކްޓުތަކަށް ބީއެމްއެލް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިއްޔެ ބީއެމްއެލްއަށް ސިޓީއެއް ފޮނުވާ، ނޫސްބަޔާނެއް ވެސް ނެރެ، ފާޑުކިޔާފައި ވަނިކޮށެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާ 206 ޕްރޮޖެކްޓް ހަވާލުކުރީ މި މަހުގެ ހަ ވަނަ ދުވަހު މާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގެ އަގު 2.7 ބިލިއަން ރުފިޔާ އަރަ އެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހަމަޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާ އެކު، ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ ބޭންކުން ފައިނޭންސް ނުވަތަ ލޯނު ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށާ، އެއީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫނެވެ." މުޙައްމަދު ސައީދު ވިދާޅުވިއެވެ.

އަދި ބީއެމްއެލް އިން ލޯނު ދޫކުރަމުން އަންނަނީ އަދި ކުރިޔަށް އޮތްތަނުގައި ލޯނު ދޫކުރާނީ ވެސް ރާއްޖޭގެ ބޭންކިންގެ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް ކަމަށާ، ލޯނު ދޫކުރާނީ މިނިވަންކަމާ އެކު، އެ ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި މި ބޭންކުގެ ކަސްޓަމަރުންނަށާއި  ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަމެވެ." ސައީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ސައީދު މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީން އިއްޔެ ބީއެމްއެލް އަށް ފޮނުވި ސިޓީގައި މައިގަނޑު ދެކަމެއް ފާހަގަކޮށްފައި ވެއެވެ، އެގޮތުން، ފުރަތަމަ ކަމަކީ، ބޭންކުން ފައިނޭންސް ހަމަޖައްސާނެ ޕްރޮޖެކްޓްތަކާއި ކުންފުނިތައް ކަނޑައަޅާނީ، ބޭންކުގެ އުސޫލުތަކާއި އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޭންކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ކުރެވިދާނެކަމަށް އަދި ބޭންކަށް އެންމެ ރަނގަޅުކަމެއްކަމަށް ނިންމުމަށްފަހު ކަމަށާ، އަދި 206 ޕްރޮޖެކްޓްތަކުގެ އަގުތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރާނެ ފަރާތްތަށް ސަރުކާރުން ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް ފައިސާ ދޫކުރުން ބޭންކަށް ލާޒިމުވާގޮތަށް ސަރުކާރުން ނިންމައިފައިވީ ނަމަވެސް، އެއީ ބޭންކުގެ މައްޗަށް ލާޒިމުކަމެއް ނޫން ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

ދެވަނައަށް އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ، މީގެ ކުރިން ކޮންސްޓްރަކްޝަންގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކުންފުނިތަކަށް ބޮޑެތި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވުން ކަން ފާހަގަކުރައްވާ، ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތައް ކަނޑައަޅައިފައިވަނީ ވެސް ފަންނީ ގާބިލުކަމަށް އަދި ތަޖުރިބާއަށް ބެލުމެއްނެތި ކަމަށާއި، މިއީ މި ޕްރްޖެކްޓްތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު އެ ކުންފުނިތަކަށް ނިންމިދާނެތޯ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އެހެންކަމުން އެ ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަން ފާހަގަކުރައްވާ މައުރޫފްގެ ސިޓީގައި ވިދާޅުވެފައި ވަނީ، އާއްމުކޮށް ސަރުކާރުގެ މި ފަދަ ޕްރޮޖެކްޓްތަކުގައި ޢަމަލުކުރާ އުސޫލާ ހިލާފަށް، ޕްރޮޖެކްޓްތައް ހަވާލުކުރުމަށް އެގްރީމަންޓް ތަކުގައި ސޮއިކުރި އިރު، ކޮންޓްރެކްޓަރުންގެ ފަރާތުން އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވާތީ، ބޭންކް ގެރެންޓީ ނުވަތަ ޕަރފޮމަންސް ގެރެންޓީ ނުވަތަ އިންޝުއަރަންސް ގެރެންޓީއެއް ބަހައްޓައިފައި ވެސް ނުވާ ކަމަށް ވެސް އެމްޑީޕީގެ ސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން، އެޑްވާންސް ފައިސާ ދޫކުރާ ފަހުން މަސައްކަތް ނުކުރި ނަމަވެސް، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި، އެއްވެސް ގެރެންޓީއެއް ބެހެއްޓުމަކައި ނުލައި، މި ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ، ބޭންކުގައި ހުރި ފައިސާ، ސީދާ %100 ރިސްކު ހިމެނޭ މުއާމަލާތަކަށް ދޫކޮށްލުންކަމުގައިވާތީ، އެކަން ވެގެންދާނީ ބޭންކުން އުސޫލުތަކާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް