ދިގުފަރުފަޅުގައި ހިއްކާ ރަށްތައް: މިތަނުން ގިނަ ރަށްތައް ހުންނަނީ ފާލަމުން ގުޅާލާފައި.-- ފޮޓޯ: އީއައިއޭ ރިޕޯޓު
ނ.އަތޮޅުގައި ހިންގާ އައިލާ ޕްރޮޖެކްޓަށް ޓައުންޝިޕް ހުއްދަ ދީފި
ހިޝާމް ހާރޫން 9 ޑިސެމްބަރ 2025 (އަންގާރަ)   22:40
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފުރަތަމަ ޓައުންޝިޕް ޕްރޮޖެކްޓްގެ ގޮތުގައި، ނ.އަތޮޅުގައި ހިންގާ "އައިލާ" ޕްރޮޖެކްޓަށް، ބޯޑް އޮފް އިންވެސްޓްމެންޓް އިން ރަސްމީކޮށް ހުއްދަ ދީފިއެވެ.

މި ހުއްދަ ދިންކަން އާންމުކޮށް އެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޓައުންޝިޕް ތަރައްގީ ކުރުމުގެ ފުރުސަތު ދީފައި ވަނީ ކްރިސްޓަލް ހޯލްޑިންގްސް ކިޔާ ކުންފުންޏަކުން ނ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ސަރަހައްދަކަށް ކަމަށެވެ. ނ.އަތޮޅު ދެކެނަންފަރު ކައިރީ އޮންނަ ދިގުފަރު ފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ "އައިލާ" ރަށްތަކަކީ 790 މިލިޔަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށްވެސް ބޯޑް އޮފް އިންވެސްޓްމެންޓްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން މި ހުއްދަ ދޫކުރީ އެ ކުންފުނިން ހުށަހެޅި ރަސްމީ އެޕްލިކޭޝަނާ ގުޅިގެން މި އަހަރު ބޭއްވި އެ ބޯޑުގެ ދިހަވަނަ ބައްދަލުވުމުގައެވެ.

މި މަޝްރޫއަކީ، ރިސޯޓް ޓޫރިޒަމަށް އެކަނި ބަރޯސާވެފައިވާ މިހާރުގެ މޮޑެލްތަކުން ބޭރުވެ، އެކި ދާއިރާތަކުން ކުރިއަރާފައިވާ، އަންނަން އޮތް ޖީލަށް އެކަށޭނަ ތަރައްގީ ހުޅުވުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި ޓައުންޝިޕްގައި އެންމެ މަތީފެންވަރުގެ ޓޫރިސްޓް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށާއި ދިރިއުޅުމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން، އިގްތިސޯދަށް މުހިންމު ދާއިރާތައް ވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައި މަންޒިލެއްގެ ގޮތުގައި ބަލައިގަންނާނެ ފަދަ ސްޓޭޓް އޮފް އާޓް ހެލްތް ކެއާ ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ޓޫރިޒަމް އަދި ލީޑަޝިޕް ސްކޫލަކާއި، ނޭޝަނަލް ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށްޓަކައި އެޑްވާންސްޑް އެގްރިކަލްޗާ އަދި އެކްއަކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ހިމެނެއެވެ.

މި ޓައުންޝިޕް ތަރައްގީ ކުރެވިގެން ދާނީ %60 އިޔާދަކުރަނިވި ހަކަތައާ އެކުގައެވެ.

މި މަޝްރޫއު 2028 އަށް ނިންމައި، އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފާފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާ އުފެދި، ސަރަހައްދީ އިގްތިސޯދީ ހަރަކާތްތައް ޑައިވާސިޓީ ކުރެވި، ދިގު މުއްދަތަކަށް ރާއްޖެ އަންނަން ބޭނުންވެފައި ތިބި ޓޫރިސްޓުންނާއި މަހުޖަނުން ރާއްޖެ އައުމަށް އިތުރު ޝައުގުވެރިކަމެއް އުފެދިގެން ދާނެ ކަމެއް ކަމަށް ބޯޑުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެސްއީޒެޑްގެ ތެރޭގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ތަރައްގީކުރެވޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް، ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ނޮވެންބަރު 5 ވަނަ ދުވަހެވެ. އެ ގާނޫނު ރައީސް ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން، 19 މާޗް ގައި ވެސް ނ.އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަދިން ކަމަށް އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ. އެފަހަރު ހުއްދަ ދިނީ އެސްއީޒެޑްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އާންމުކުރެއްވި ގަރާރެއްގެ ދަށުންނެވެ. އެ ގަރާރު ނެރުއްވީ މި އަހަރުގެ ޖެނުއަރީ 12، ގައެވެ.

ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ހާއްސަ އިގްތިސާދީ ޒޯންތައް ''ސަސްޓެއިނަބަލް ޓައުންޝިޕް'' ގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިކޮށް، އެފަދަ ޒޯންތަކާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.

މިފަދަ ޒޯނެއްގައި ކުރެވޭ އިންވެސްޓްމަންޓްގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނުވުން ލާޒިމުކުރެއެވެ. މީގެ އިތުރުން، ޒޯނުގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްތަކާއެކު ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ގާއިމުކުރަން ޖެހެއެވެ.

ކޮމެންޓް