އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން، އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެ މައްސަލަ އިއްޔެ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައި ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުންނެވި ޝާހް އާއި ޖެނެރަލް މެނޭޖަރަކަށް އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރަކަށް އޭރު ހުންނެވި މާލެ، ހ. ފެއަރީޕެލަސް، ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ އާއި މާލެ، މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް އަދި މާލެ، ގ. ނިލަ، އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އޭސީސީން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.
އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަން ޖެހޭ ފަދަ ހިލާފުތައް ވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމަންޓާއި" "ޕްރޮގްރެސިވް ޕޭމަންޓު"ތައް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު ވެސް އެ އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށެވެ. މި އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.
އޭސީސީން ބުނީ މި މައްސަލާގައި ތުހުމަތުވާ ޝިފާއު އަލީގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް ހިމެނޭ ކަމަށެވެ.
މި މައްސަލާގައި، އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78ރ. ގެ ގެއްލުމުގެ އިތުރުން ލިބިފައިވާ އިތުރު މާލީ ގެއްލުންތައް ހިސާބުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އެމްޓީސީސީއަށް އަންގާފައި ވާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.