މިކަންބޮޑުވުން އާންމުންގެ ފަރާތުން ތަކުރާރުކޮށް އިވެމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެވުނެވެ. ޕޯސްޓް އޮފީހުން އާންމުކޮށްފައި އޮންނަ ފޯނު ނަންބަރުތަކުން ޖަވާބެއް ނުދެއެވެ. އިންފޮމޭޝަން އޮފިސަރ ކަމަށް ބުނެ އާންމުކޮށްފައި އޮންނަ މޮބައިލް ނަންބަރު އޮންނަނީ ނިވާލާފައެވެ.
ފިޔެސްގެ ނޫސްވެރިން އިއްޔެ ޕޯސްޓް އޮފީހަށް ދިޔައިރު ވަންނަ ދޮރުމައްޗާއި މުޅި ޕޯސްޓް އޮފީސް ފުރިފައިއޮތީ އެކި ސައިޒުގެ ޕާރުސަލްތަކާއި ފޮށި ތަކުންނެވެ. އެތަނުން ބައްދަލުވި މުވައްޒަފުން ރަސްމީކޮށް މީޑިއާއަށް މައުލޫމާތު ދޭން އިންކާރު ކުރިއެވެ.
އެހެނަސް ނަން ހާމަ ނުކޮށް ދިން މައުލޫމާތުގައި ޕޯސްޓް އޮފީހުގެ މުވައްޒަފަކު ބުނީ، އެހާ ބޮޑަށް ބާރުބޮޑުވެގެން އުޅެނީ ޓެމޫ މެދުވެރިކޮށް ގިނަ އަދަދެއްގެ އޯޑަރު މި ދުވަސްވަރު ގެންނަމުންދާތީ ކަމަށެވެ. އޭގެ ތެރެއިން ގިނަ ޕެކޭޖްތައް ކަސްޓަމްސް އިން ހިފަހައްޓާ ކަމަށާ ހިފެހެއްޓުމުން ފޯމު ފުރައި ޑިއުޓީ ދެއްކުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓް ފުރަތަމަ ބުރި ހިނގަން އޮންނަ މަގުވެސް ފުރިފައިވަނީ ޕެކޭޖްތަކުން
ޕެކޭޖެއް ނަގަން ގޮސް ހުރި މީހަކު ފިޔެސް އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ޕެކޭޖް ލިބުނުކަން ޕޯސްޓް އޮފީހުން މެސެޖްކުރީ މިމަހުގެ 2 ވަނަ ދުވަހު ކަމަށާ، ޕޯސްޓް އޮފީހަށް އައިސް އެހުރީ ގުޅާ ގުޅާ ފޯނު ނުނަގައިގެން ކަމަށެވެ.
"މެއި 2 ގަ މެސެޖް ކުރީމަ މިތަނަށް (ޕޯސްޓް އޮފީހަށް) އައިމަ ބުނެފި، ޕެކޭޖް ކަނޑަން. ކެނޑީމަ ބުނެފި، ޑިއުޓީ ފޯމް ފުރާށޭ ޖެހޭނީ. އެއީ ކީއްވެހޭ އެހީމަ ބުނެފި ކޮންޓިޓީ މާ ގިނައްޔޭ. އެކަމަކު އެތެރެކުރި ސާމާނަށް އަރާނީވެސް ހައެއްކަ ހާސްރުފިޔާ. އަހަންނަށް ހީވެފައި އޮތީ ދިހަހާހުން މައްޗަށް ނުދަންޏާ ޑިއުޓީ ދައްކާކަށް ނުޖެހޭނޭ."
އޭނާ ބުނީ ދެން ކުރިއަށް ދެވޭނީ ކިހިނެއްތޯ އެހުމުން ކައުންޓަރުގައި އިން ކުއްޖާ، ފޯމް ފުރަން ބުނި ކަމަށާ އެކަން ކުރެވޭނީ ބްރޯކަރެއް މެދުވެރިކޮށް ކަމަށެވެ. އަދި ކަސްޓަމްސްގެ ބްރޯކަރުގެ ގޮތުގައި ކައުންޓަރުގައި ފާހަގަކޮށްފައި އޮތް މޮބައިލް ނަންބަރެއް ދައްކާފައި އެ ނަންބަރަށް އައިޑީކާޑާއި ޕެކޭޖްގައި ހުރި ތަކެތީގެ އަގު ލިސްޓް ވައިބާ ކުރަން ބުނި ކަމަށެވެ.
"ހަމަ އެދުވަހު ވައިބާ ކޮށްފިން. އެކަމަކު ލިބުނު ކަމަށް ރިޕްލައި ކުރީވެސް ދެދުވަސްފަހުން އެ ނަންބަރަށް އެތައް ފަހަރަކު މެސެޖްކޮށް ޕޯސްޓް އޮފީސް ނަންބަރުތަކަށް ގުޅާ ސުވާލުކުރި ފަހުން. އޭގެ ފަހުން މިވީހާ ދުވަހެއް މިދިޔައީ އެބުނާ ފޯމެއް ފުރުމުގައި."
ޕޯސްޓް އޮފީހުގައި އެވަގުތު ތިބި ގިނަ ބައެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ޕެކޭޖް ހިފެހެއްޓުމަށްފަހު ވާނުވާ ނޭނގުމެވެ. ވަނީ ކިހިނެއް ކަމެއް، ކިހާ ދުވަހެއް ވާނެ ކަމެއްވެސް ޕޯސްޓް އޮފީހުން ނުބުނެއެވެ.
ފިޔެސްގެ ނޫސްވެރިން އިއްޔެ ޕޯސްޓް އޮފީހުގައި ތިއްބާ ޕެކޭޖެއް ނަގަން އައި ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެއްވެސް ތަކުރާރުކޮށް ސުވާލުކުރީ ޕެކޭޖް ލިބެން ކިހާ ދުވަހެއް ވާނެތޯއެވެ. ޖަވާބުގައި ކައުންޓަރު އިން ކުއްޖާ ތަކުރާރުކޮށް ބުނީ އެއްގޮތަކަށްވެސް ބުނަން ނޭނގޭ ކަމަށާ، ކިއު ވަރަށް ދިގު ކަމަށެވެ. ބޭރުމީހާ ބުނީ ދެ ދުވަސް އޮފު ނަގައިގެން މާލެ އައީ ޕެކޭޖް ލިބޭނެކަމަށް ބަލައިގެން ކަމަށާ، ޕެކޭޖެއް ލިބުމަށް ގިނަ ދުވަސް ނެގުމަކީ އަދި މެސެޖް ކޮށްފައި އަނެއްކާ އިތުރު ދުވަސް ނެގުމަކީ އޭނާފަދަ މީހުންގެ އަތުން އިތުރު ޚަރަދު ހިނގާނެ ކަމެއް ކަމަށެވެ.
ޕޯސްޓް އޮފީހުން ކުރިން މައުލޫމާތު ދިން މީހާ ބުނިގޮތުންނަމަ ލަސްވަނީ ކަސްޓަމްސްގެ ސަބަބުންނެވެ. ޕޯސްޓް އޮފީހުން އަމަލުކުރާ އާންމު އުސޫލަކީ ޕެކޭޖްގެ ވެރިފަރާތަށް މެސެޖް ކުރާތާ 3 ދުވަހުގެ ތެރޭގައި ޕެކޭޖް ހަވާލުކުރުން ކަމަށް އޭނާ ބުންޏެވެ. އެކަމަކު ކަސްޓަމްސް އިން ހިފަހައްޓައިފިނަމަ، ޕެކޭޖް ވެރިފަރާތާ ހަވާލުކުރަން 15 ވަރަކަށް ދުވަސް އެބަ ނަގައެވެ.
މޯލްޑިވްސް ޕޯސްޓް ބިލްޑިންގ ގުދަނަށް ޕެކޭޖްތައް އަންލޯޑް ކުރަމުންދާއިރު، ޕިކްޕޯސްޓަށް ލޯޑްކުރަމުންދަނީ.-- ފޮޓޯ: ފިޔެސް
މިކަން ފާހަގަކުރި އާންމުންގެ މީހަކު ބުނީ ރާއްޖޭން ބޭރުން ޕެކޭޖެއް އެތެރެކުރަން ނުނަގާ މުއްދަތު ޕެކޭޖް ދޫކުރުމަށް އެބަ ނަގާ ކަމަށެވެ.
"ޓެމޫ އިން އޯޑަރު ޖެހީމާ އެންމެ ގިނަވެގެންވެސް ހަފުތާއެއްހާ ދުވަސްތެރޭ ރާއްޖެއަށް އެބަ ލިބޭ. އެކަމަކު ޕެކޭޖް ޕޯސްޓުންނާއި ކަސްޓަމްސްއިން ދޫކުރަން ފަނަރަ ވިހި ދުވަސް އެބަ ނަގާ."
ޕޯސްޓް މެދުވެރިކޮށް ގެންނަ ތަކެތި ނެގުމަށް އެހާ ބޮޑު ކިއުއެއް އޮވެފައި، ޕެކޭޖް ދޫކުރުމަށް ކަސްޓަމްސްގެ ދެ ޑެސްކް ހުރެފައި އެތައް ބަޔަކު އިށީންނާނެ ތަނެއްނެތި ކޮޅަށް ތިބެން ޖެހުމަކީވެސް ގިނަބައެއްގެ ޝަކުވާއެކެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ޚިދުމަތެއް ދިނުމުގެ ހެޔޮ ވިސްނުންހުރިނަމަ އެކަން ކަމަކީ ހައްލުކޮށްލަން އުނދަގޫ ކަންކަމެއް ނޫނެވެ.
ވެބްސައިޓްތައް މެދުވެރިކޮށް ތަފާތު ވައްތަރުގެ މުދާ އެކި ބޭނުންތަކަށް ރާއްޖެ އެތެރެ ކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރުވެސް، ކަމާ ގުޅުންހުރި އިދާރާތައް މިވަނީ އެކަމަށް ތައްޔާރު ނުވެއެވެ.
އަދި ޓެމޫ އިން މިދިޔަ އެޕްރީލް މަހު ރާއްޖެއަށް ޝިޕް ކުރަން ފެށުމާއެކު ގިނަބަޔަކު އެ ވެބްސައިޓް މެދުވެރިކޮށް ގެންނަ ޕެކޭޖްތަކުން ޕޯސްޓް އޮފީހުގައި ފުނިޖެހެމުންދާއިރު ޚިދުމަތް އަވަސްކުރުމަށް ކަމެއް ކުރާތީއެއް ނުފެނެއެވެ. ކަމާ ގުޅުންހުރި މައުލޫމާތު ސާފުކުރުމަށް ގުޅޭނެ ފަސޭހަ ގޮތެއްވެސް ނެތެވެ. ޝަކުވާ ކުރިޔަސް ޝަކުވާ އަޑުއަހާނެ މީހަކުވެސް ނެތެވެ.