މުސްލިމް ހިޖާބް ހެދުންތަކެއް
އީދަށް އޯޑަރުކުރި ރީތި ހެދުންތައް އީދު ފެށެންވާއިރު ނުލިބިދާނެކަމުގެ ޝަކުވާ
ޓެމޫގެ އޯޑަރުތައް ގިނަވެ ޕޯސްޓް އޮފީހަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް އެ އޮފީހުން ވަނީ ފަށާފައި
މުޙައްމަދު ޤާސިމް 31 މޭ 2025 (ހޮނިހިރު)   12:03
ދިވެހިންގެ ތޭރޭގައި މިފަހަކުން މަގުބޫލްވި އޮންލައިން ވިޔަފާރި ޕްލެޓްފޯމެއް ކަމަށްވާ "ޓެމޫ" އިން ދިވެހިން ގަންނަ ސާމާނުތައް މާބޮޑަށް ގިނަވެ އެތަކެތި ލިބުމުގައި ލަސްތަކެއް މެދުވެރިވެ ކުރިމަތީ މިއޮތް ބޮޑުއީދު ފެށެންވާއިރު އީދުހެދުން ނުލިބިދާނެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަނިކޮށް ޕޯސްޓް އޮފީހަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މާލެ ސަރަހައްދަށް ހޯދާ މުވައްޒަފުންގެ ގޮތުގައި ޕޯސްޓް އޮފީހުން ހޯދަނީ 15 އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރުންނާއި 20 މޭލް ކްލިއަރަންސް އޮފިސަރުންގެ އިތުރުން 14 އެސިސްޓެންޓް ސޭލްސް އޮފިސަރުންނެވެ.

މި މަގާމުތަކުގެ ތެރެއިން މޭލް ކްލިއަރަންސް އޮފިސަރުންގެ މުސާރައަކީ މަހަކު 6،000 ރުފިޔާ ކަމަށްވާއިރު، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3،000 ރުފިޔާ އާއި ޑެއިލީ އެލަވަންސަށް 120 ރުފިޔާ ވަނި ހަމަޖައްސާފައެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ޕޯސްޓްއޮފީހުން ބުނެއެވެ.

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރުންނާއި އެސިސްޓެންޓް ސޭލްސް އޮފިސަރުންގެ މުސާރައަކީ މަހަކު 5،700 ރުފިޔާ ކަމަށްވާއިރު، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،600 ރުފިޔާ އަދި ޑެއިލީ އެލަވަންސަށް 120 ރުފިޔާ ވަނީ ހަމަޖައްސާފައެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ޕޯސްޓްއޮފީހުން ބުނެއެވެ.

މި ވަޒީފާތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 އާ ހަމައަށް ކަމަށްވާއިރު، މީސްމީޑިއާގައި ބައެއް އާންމުން ބުނަނީ، އަންނަ އަޟުހާ އީދަށް އޯޑަރުކުރި އީދު ހެދުން މިހާރު މާލެއަށް އައިސްފައި ވީނަމަވެސް އީދުގެ ކުރިން އެމީހުނަށް އީދު ހެދުން ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

އެހެންކަމުން ޓެމޫގެ އޯޑަރުތައް އީދަށްވާއިރު ލަސްކޮށްލުމަކީ ބޮޑެތި ވިޔަފާރިވެރިން ތަކެއް އަޑީގައި ތިބެގެން އެމީހުންގެ ވިޔަފާރިތައް އީދުފެށެންވާއިރު ބޮޑަށް ހިންގާލުމަށް ހަދާ މަކަރެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ކޮމެންޓް