ރައުދުގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތް ޖެހުން ކުރިއަށްދިޔަ މަޖިލީހުގައި، ފުލުހުން ކޯޓުގައި ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައި ވެއެވެ. އޭރު ފުލުހުން ރިއާޔަތްކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ 'ބ' އަށް ކަން ފާހަގަކޮށްލެވެއެވެ.
ފުލުހުން އެގޮތަށް އެދުނު ނަމަވެސް، އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް ރައުދުގެ ދިފާއީ ވަކީލުން ކޯޓުގައި ބުނުމުން، އެ މާއްދާ ބަދަލުކޮށްދިނުމަށް ވެސް ފުލުހުން އޭރު އެދުނެވެ.
ރައުދުގެ ބަންދު މުއްދަތް 4 ފަހަރެއްގެ މަތިން އިތުރުކޮށްފައި ވާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް އޭނާގެ ބަންދަށް ޖެހިއެވެ. އަދި އޭގެފަހުން 5 ދުވަހުގެ ބަންދުގެ މުއްދަތަކާއި، 20 ދުވަހުގެ ބަންދުގެ މުއްދަތެއް ވެސް ކޯޓުން ޖެހިކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް، ބަންދުގެ މުއްދަތް ޖަހާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ، ހައިކޯޓްގައި އިސްތިއުނާފު ކޮށްފައި މިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ފުރަތަމަ އޭނާގެ މައްޗަށް ކުރިއެވެ. އެހެންނަމަވެސް ފަހުން ތުހުމަތުގެ ތެރޭގައި އެކަން ނުހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރައުދު ބަންދުގައި ބަހައްޓަން ކޯޓުން ނިންމާ ނިންމުންތައް އާންމެއް ނުކުރެއެވެ. ކްރިމިނަލް ކޯޓުން އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުކުރިނަމަވެސް މި މައްސަލައިގާ އާންމުނުކުރަނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.
ޔުމްނުއަށް ލިބުނު އަނިޔާތަކަށް މިހާރު މެލޭޝިއާގައި ދަނީ އިތުރު ފަރުވާ ހޯދަމުންނެވެ. އެގޮތުން އޭނާގެ ކަރާއި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހާލު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގާމެދު އާންމުން ސުވާލު އުފެއްދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ހާދިސާގެ ތަހުގީގަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ ކޮމިޝަނުން ހާދިސާއާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަސައްކަތް ކުރިއަށްދާކަން ހާމަކުރެއެވެ. އެ ކޮމިޝަނުން ވަނީ ރައުދުއާ ވެސް ބައްދަލުކޮށް ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.