ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް - ފޮޓޯ: ޖޭއެސްސީ
ފަނޑިޔާރަކު ޕީއެސްއެމްއަށް ފާޑުވިދާޅުވި މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
ފިޔެސް 26 މޭ 2025 (ހޯމަ)   10:53
ޕީއެސްއެމް (ޕަބްލިކް ސާވިސް މީޑިއާ) އިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގައި ޕީއެސްއެމްގެ ވަކީލަށް ފާޑުވިދާޅުވުމުން އެ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީ (ޖުޑީޝަލް ސާވިސް ކޮމިޝަން) އަށް ހުށަހަޅައިފި އެވެ.

އެ މައްސަލައަކީ އޭޕްރީލް، 2018، އަދި ޖޫން، 2018، ގައި އާޓިސަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ޕީއެސްއެމްއަށްކޮށްދިން މަސައްކަތްތަކުގެ އަގުގެ ގޮތުގައި ދޭންޖެހޭ 4.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމެއްގެ އިސްތިއުނާފެވެ.

އެ މައްސަލައަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ޕީއެސްއެމް ހިންގުމާ ހަވާލުވެ ހުންނެވި ދުވަސްވަރު ޓީވީ ބިލްޑިންގުގައި އިއުލާންކުރުމެއް ނެތި އެގްޒެކެޓިވް ބިއުރޯއެއް ހަދަން ބަޔަކާއި ހަވާލު ކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތައް ލިބުނު ގެއްލުމުގެ ބަދަލުގެ މައްސަލަ އެކެވެ. އެ މައްސަލަ އިސްތިއުނާފު ކުރީ މަސައްކަތުގެ އަގާމެދު ދެބަސްވާ ކަމަށް ބުނެ އަދި، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ  ވެސް ހިލާފަށް ކަމަށް ބުނެއެވެ.

އެގްޒެކެޓިވް ބިއުރޯއެއްގެ ގޮތުގައި ހަދާފައިވަނީ އެއިރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އިކްރާމް ހުންނަވާ ކޮޓަރި ކޮޅެވެ.

ޕީއެސްއެމް އިން ޖޭއެސްސީއަށް ހުށަހަޅާފައި މިވަނީ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމުގެ މައްސަލައެކެވެ. ޕީއެސްއެމްއަށް ފާޑުވިދާޅުވެ ފަނޑިޔާރު ސަލީމް ިދާޅުވީ، ޕީއެސްއެމް އިން މަސައްކަތް ކޮށްފައި ވަނީ އަމިއްލަ މީހަކު ގޭތެރެ ސާފު ކުރަން މަގުމަތިން ބިދޭސީ މީހުން ނަގާ އުސޫލުން ކަމަށެވެ.

"އާންމު ރައްޔިތަކު ގޭތެރެ ސާފު ކުރަން މިތާ ޒިކުރާ މިސްކިތް ކައިރިން ބޭރު މީހުން ނަގައިގެން ގޮސް މަސައްކަތް ކުރާ އުސޫލުން މި ހުރި މިލިއަން ރުފިޔާގެ މަސައްކަތް ކޮށްފަ. ކޮން ވާހަކައެއްތޯ އަޅުގަނޑުމެން މި ދައްކަނީ؟ މި ކޯޓުގައި މީގެ ކުރިން ކިތައް މައްސަލަތޯ ޕީއެސްއެމްއާ ގުޅޭ ގޮތުން މިކަހަލަ ޝަކުވާތަކާ ގުޅޭ ގޮތުން ލިބިފައި ހުރީ؟،" ފަނޑިޔާރު ސަލީމް ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެފަދަ ބައިވަރު މައްސަލަ ކޯޓަށް ހުށަހެޅޭކަން ފާހަގަ ކުރައްވައި ފަނޑިޔާރު ސަލީމް ވިދާޅުވީ، ދއުލަތުގެ ފައިސާއިން ހިންގި ނަމަވެސް ޕީއެސްއެމް ސިފަ ކުރެވެނީ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

ފަނޑިޔާރު ސަލީމްގެ އިތުރުން އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ޕީއެސްއެމްއަށް ފާޑުވިދާޅުވި އެވެ. އެގޮތުން، މައްސަލައިގެ ލިޔެކިޔުން ހަމަނުކޮށް ކޯޓަށް އައުމުން ފަނޑިޔާރު މުހައްމަދު ނިޔާޒް ޕީއެސްއެމްގެ ވަކީލަށް ފާޑުވިދާޅުވެފައިވެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އެ ކޯޓުގެ ފަނޑިޔާރު ނިޔާޒްގެ ވާހަކައިގައި ވެސް ވަނީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ލިޔެކިޔުން މަދު ވާހަކަ ކުރިން ވިދާޅުވެފައި ވަނިކޮށް، އެ ލިޔުންތައް ވެސް ހުށަހަޅަން މިހާރު ބޭނުން ނޫންކަމަށް ވިދާޅުވަނީ މިހާރު އޮތް ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދިގެންތޯ ސުވާލު އުފައްދަވާފައެވެ.

"މިތަނަށް ސްޓޭމްޕް ޖަހަންތޯ ތިޔަ ވަޑައިގަންނަވަނީ؟ އަޅުގަނޑުމެން ތަސްދީގު ކުރަންވީތޯ މީތި؟،" ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގައި ކުރި ކަމަށް ބުނާ މަސައްކަތްތަކަށް އާޓިސަންއިން ހުށަހަޅާފައިވާ އިންވޮއިސްތަކަކަށް ޕީއެސްއެސްއެމްއިން ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރީ، އެ ފައިސާ އާއި ވަކީލު ފީ އާއި ގެއްލުމުގެ ބަދަލާ އެކު ގާތްގަނޑަކަށް 11.4 މިލިއަން ރުފިޔާގެ ނަގައިދިނުމަށް އެދި އެވެ.

އެ މައްސަލައިގައި މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލު ނުހިމަނައި އަދި ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި ހުށަހަޅާފައިވާ 360،000ރ. ތެރެއިން 16،000ރ. އާ އެކު 4.52 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އާޓިސަނަށް ދެއްކުމަށެވެ.

އެ ހުކުމް ޕީއެސްއެމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެ ކުންފުނިން ހައި ކޯޓުގައި އެދުނެވެ.

ހައި ކޯޓުން ވަނީ 18 ޑިސެންބަރު 2022ގައި، އެ ކޯޓުން އިސްތިއުނާފު މައްސަލަ ބަލައި ނިމެންދެން ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް އަންގައި އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ޕީއެސްއެމް އިން ދައްކަން އެންގި ފައިސާ ސިވިލް ކޯޓަށް ދައްކަމުން ދިއުމަށް އެންގި ނަމަވެސް، ހައި ކޯޓުން މައްސަލަ ބަލައިނިމެންދެން ސިވިލް ކޯޓުން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައި ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގައި އަންގާފައިވެ އެވެ.

ކޮމެންޓް