ދުންފަތާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ފަހުގެ ޖީލަށް ނޮވެންބަރުން ފެށިގެން ދުންފަތް މަނާކޮށްފި
މަރްޔަމް މުޙައްމަދު 21 މޭ 2025 (ބުދަ)   14:39
ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހު ކަމުގައިވާ 'ޖެނަރޭޝަނަލް ބޭން'ގެ ދަށުން 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް މިއަހަރު ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓު މަނާކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

'ޖެނަރޭޝަނަލް ބޭން' އެންމެ ފުރަތަމަ ރައީސް މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވެސް ވަނީ މަނާކުރެވިފައެވެ.

ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު މިއަދު ތަސްދީގުކުރެއްވި އިރު، އެ ބިލު މަޖިލީހުން ފާސްކުރީ، މި މަހުގެ 13ވަނަ ދުވަހުއެވެ. ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސްކޫލް ދަރިވަރުންނާއި، ކެބިނެޓުގެ ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސް އަދި ރަޖިސްޓްރޭޝަން އޮވެގެން ނޫނީ ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވާއިރު، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނު މަޖުބޫރު ކުރެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

ކޮމެންޓް