ރައީސް މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ރައީސް ވަހީދު އައްޔަނުކުރެއްވުން.-- ފޮޓޯ: ރައީސް އޮފިސް
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަކަށް ރައީސް ވަހީދު
މަރްޔަމް މުޙައްމަދު 26 މޭ 2025 (ހޯމަ)   11:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ރައީސް ވަހީދު އައްޔަންކުރީ މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ މަގާމަށް އެމަނިކުފާނު އައްޔަންކުރީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތަށްފަހު ދެ ރައީސުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެމަނިކުފާނުގެ އަރިހުން ސަރުކާރުގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އަދި އިގުތިސޯދީގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގަންނަވައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން ރައީސް ވަހީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވައި ރާއްޖޭން ބޭރުގައި ޔުނިސެފުގައިވެސް ވަޒީފާ އަދާކުރައްވާފައެވެ.

ރައީސް ވަހީދު ރާއްޖޭގެ ވެރިކަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ބަގާވާތަކުން ބަދަލުކުރުމަށްފަހު އެވެ. ރައީސް ނަޝީދުގެ ނައިބް ރައީސަކަށް ހުންނަވައި އެ ސަރުކާރާ ދެކޮޅަށް ފުލުހުންނާއި ސިފައިން އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކަށް ވަހީދު ހިތްވަރުދެއްވިއެވެ.

ރިޔާސީ ދައުރަށްފަހު ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ރައީސް ވަހީދު ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގެންނެވީ އެންމެ %5 ވޯޓެވެ. އެއަށް ފަހު ސިޔާސީ ކަންކަމާ ދުރުގާ ހުންނެވުމަށްފަހު ވަހީދު އެނބުރި ސިޔާސީ މައިދާނުން ފެނުނީ 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށެވެ. އެ އިންތިޚާބުގައި އޭރުގެ އެންމެބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި އެކަން ކާމިޔާބު ނުވުމުން ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މިހާރުގެ ރައީސް މުއިއްޒަށް ފާޑުވިދާޅުވިއެވެ.

ކޮމެންޓް