ޗާގޯސް އާއި ޑިއޭގޯ ގާސިޔާ އަދި އިންޑިއާ ކަނޑުގެ އެ ސަރައްދު.--
ޗާގޯސް މޮރިޝަސްއާ ހަވާލުކުރިއިރު ރާއްޖެ އޮތީ ހިމޭނުން
ފިޔެސް 23 މޭ 2025 (ހުކުރު)   09:27
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ސޮއިކޮށްފި އެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މޮރިޝަސްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޓްރަސްޓު ފަންޑެއް މެދުވެރިކޮށް އިނގިރޭސިވިލާތުން ހޭދަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުން އިތުރު 40 އަހަރަށް ދަންމާލުމުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ.

އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމަށް ފުރަތަމަ ނިންމާފައި ވަނިކޮށް، އޭގެ ކުރިން އިނގިރޭސި ހައި ކޯޓުން ވަނީ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ބޭރުގެ އެހެން ގައުމަކަށް ބަދަލު ކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހުގެ މައްޗަށް މި އަމުރު ނެރެދޭން ކޯޓުގައި އެދުނީ އިނގިރޭސި ދެ އަންހެނެކެވެ. އެ ދެ އަންހެނުންނަކީ ބާނަޑެޓް ޑުގާސޭ އާއި ބާޓްރީ ޕޮމްޕޭ އެވެ.

އެންމެ ފަހު ވަގުތު އިނގިރޭސިވިލާތުގެ ފަނޑިޔާރަކު އަމުރެއް ނެރުމުން އެއްބަސްވުމުގައި ސޮއިކުރުން އިއްޔެ އެތައް ގަޑިއިރަކަށް ފަސްކުރަން ޖެހުނެވެ.

ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުމަކަށް ފަހު ހައި ކޯޓުގެ ފަނޑިޔާރު މާޓިން ޗެމްބަލެއިން ވިދާޅުވީ އެ ރަށްތައް ހަވާލުކުރުން ހުއްޓުވުމަށް ކުރި އަމުރު އުވާލެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން ގާއިމުނުކޮށް ލަސް ކުރުމަކީ "އާންމު މަސްލަހަތާއި އިނގިރޭސިވިލާތުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލޭނެ" ކަމެއް ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު އެ މީހުންގެ ގާނޫނީ ވަކީލް މައިކަލް ޕޮލަކް ވިދާޅުވީ ޗާގޯސް ރައްޔިތުންނާ އެކު ރަސްމީކޮށް މަޝްވަރާ ކުރުމެއް ނެތި އެ މީހުންގެ ވަޒަން ދޫކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ.

އެ އަމުރު އުވާލުމާ އެކު ޕޮމްޕޭ ބުނީ މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރާނެ ކަމުގެ ވައުދުވާ ކަމަށެވެ. "މޮރިޝަސްއަށް އަހަރުމެންގެ ހައްގުތައް ދޫކޮށްލާކަށް އަހަރުމެން ބޭނުމެއް ނޫން. އަހަރުމެންނަކީ މޮރިޝަސްގެ ބައެއް ނޫން،" 

ގެދޮރު ގެއްލިފައިވާ ޗަގޯސިއަން މީހުން އެނބުރި ގައުމަށް ދިއުމުގެ ހައްގު ހޯދުމަށް އެތައް އަހަރެއް ވަންދެން އެ މީހުން އަންނަނީ އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ. ނަމަވެސް އެ ވަކާލާތުކުރުންތައް މިހާތަނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުމަކީ އެންމެ އައުލާކަން ބޮޑު ގޮތްކަމަށް ބުނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖޭގައި ވަކާލާތު ކުރެއްވިއެވެ. ރިޔާސީ އިންތިޚަބު ކެމްޕޭނުގައި އެވާހަކަ ވަރަށްބޮޑަށް ދެއްކެވުމުމުގެ އިތުރުން ވެރިކަމަށް ވަޑައިގަތުމަށް ފަހުވެސް އެވާހަކަ ދެއްކެވިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ދީފަ އެވެ.

އެކަން ހާމަކުރުމާ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 10، ގައި ބޭއްވި ރަސްމިއްޔާތެއްގައި އެފަދަ ސިޓީއެއް ފޮނުވިކަން ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.

"ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުމާ ބެހޭ ވާހަކަތަކެއް ދެކެވުނީމަ އަޅުގަނޑުމެންގެ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީ، ރަސްމީކޮށް، ލިޔެކިޔުމުން، ސިޓީއިން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ،" ރައީސް އެ ރޭ ވިދާޅުވި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރި އެވެ.

މިކަން ރައީސް ފާހަގަކުރެއްވީ، ޗާގޯސްގެ ސިޔާދަތީ ބާރުގެ ހައްގު އޮންނަނީ މޮރިޝަސް އަށް ކަމަށް ބަލާ، މި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ. މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމަށް ވައުދުވަމުންނެވެ.

"އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި، ފެންނާންހުރި ލިޔެކިޔުންތަކާއެކުގައި، އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކީގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފަ," އެ ރޭ ރައީސް ވިދާޅުވި އެވެ.

އިއްޔެ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ސޮއިކުރެވިގެން ދިޔައިރު ދިވެހި ސަރުކާރު އޮތީ ހިމޭނުންނެވެ. އެކަމާ ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަން ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތަކުން ފާހަގަވެސް ކުރިއެވެ.

އެކަމާ ގުޅޭގޮތުން ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެކްސްގައ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ ވައުދާއެކު އައި ސަރުކާރުން އެ ސަރަހައްދު އަލުން އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެންނަ ކަމަށާ، މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އުޅޭއިރު އެކަމާ ދެކޮޅަށް އެއްވެސް ކަމެއް ކުރާތަނެއްވެސް ނުފެންނަ ކަމަށެވެ.

ކޮމެންޓް