ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންދިޔުމަށް ކުރިން އޮތީ ނިންމާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ރަސްމިއްޔާތުގައި ސޮއިކުރަން ހަމަޖެހިފައި އޮތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކިއާ ސްޓާމާ އަދި މޮރިޝަސްގެ ބޮޑުވަޒީރު، ނަވިން ރާމްގޫލާމް އެވެ.
ނަމަވެސް، އޭގެ ކުރިން މިއަދު އެ ގައުމުގެ ހައި ކޯޓުން ވަނީ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ބޭރުގެ އެހެން ގައުމަކަށް ބަދަލު ކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އިނގިރޭސި ސަރުކާރުގެ ފޮރިން އޮފީހުގެ މައްޗަށް މި އަމުރު ނެރެދޭން ކޯޓުގައި އެދުނީ ޗާގޯސްއަށް އުފަން ބާޓްރިސް ޕޮމްޕޭ އެވެ.
ކޯޓު އަމުރާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ބެހޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނުވާ ކަމަށާއި އެ އެއްބަސްވުމަކީ އިނގިރޭސި ރައްޔިތުން ހިމާޔަތްކޮށް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންތެރި އެއްބަސްވުމެއް ކަމަށެވެ.
އިނގިރޭސިން ނަން ދީފައިވާ ގޮތުން ނަމަ 'ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' ބޭރުގެ ގައުމަކަށް ދިނުމުގެ އެއްވެސް ގާނޫނީ ފިޔަވަޅެއް މިވަގުތަށް ނޭޅުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ. ޗާގޯސްއަކީ އިނގިރޭސި ސަރުކާރުގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް މި އަމުރު ދެމިއޮތްހާ ދުވަހު ބަލަން ވާނެ ކަމަށް ޖަސްޓިސް ސާ ޖޫލިއަން ނިކޮލަސް ގޫސްގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މިއަދު ސޮއިކުރަން ހަމަޖެހިފައި އޮތް އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބެ އެވެ.
އޭގެ ބަދަލެއްގެ ގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއަށް އެތައް ބިލިއަން ޑޮލަރެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ދަ ޓެލެގްރާފް އަދި ބީބީސީގައި ރިޕޯޓު ކޮށްފައިވެ އެވެ.